ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލްޣަފޫރު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

" އެކުގައި މަސައްކަތްކޮށްފިނަމަ 'އަންތަރީސް' ވާވަރުގެ ކަންތައްތައް ކުރެވޭ" ކަމަށް ނައިބު ރައީސްގެ ޓްވީޓްގައި ވެއެވެ. މީގެ އިތުރުން އެމަނިކުފާނު ހުންނެވީ ރާއްޖެ އާ އެކު ކަަމަށް ވެސް އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އަދީބު ޗައިނާ އަށް ވަޑައިގަތީ އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. އިންވެސްޓެމެންޓް ފޯރަމްގައި ސަރުކާރުގެ ފަރާތުން އެއްމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އަދީބެވެ.

ރިޔާސީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރަނީ އަދީބުގެ މައްޗަށެވެ. އެހެންނަމަވެސް އަދީބު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ވަކި މީހެއްގެ ފޮޓޯ ޖެހުމަށް ފަހު އޭގެ ވަށައިގެން ތަހުގީގު ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ނޭޝަނަލް އިންކުއަރީ ކޮމިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ތަހުގީގެ އެއްވެސް މީހަަކަށް އަމާޒުނުކުރާ ކަމަށާއި ތަހުގީގު ދާނީ 'ހެކީގެ ފަހަތުން' ކަމަށެވެ.

އިއްޔެ ފުލުހުން ވަނީ އަހުމަދު އަދީބު ދިރިއުޅުއްވާ ގ. ހުމަށިގޭގެ އިމާރާތުގެ ތިރީގައި ހުންނަ "ސްޓޮޕް އެންޑް ޝޮޕް" ނަމަކަށް ކިޔާ ފިހާރައިގެ ސީސީޓީވީގެ ހާޑު ޑިސްކު ގެންގޮސްފައެވެ. އަދި ނައިބު ރައީސް ބައެއް ފަހަރު ވަޑައިގެން އުޅުއްވާ ރެހެންދި ފްލެޓްގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗަށް ދިން ހަމަލާ އަކީ ސީދާ ރައީސް އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އިންކުއަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.