އެއް ކަކޫ މައްޗަށް އަނެއް ކަކޫ ލައި، ފައި ހުރަސްކޮށްގެން އިނުމަކީ ގެއްލުން ހުރި ކަމެކޭ ކިޔައެވެ. އެހެން އިށީނދެގެން އިނުމުން ހަށިގަނޑަށް ގެއްލުން ވާ ސަބަބު ތަކުގެ ތެރޭގައި ލޭގެ ޕްރެޝާ (ބީޕީ) މަތިވުމާއި ލޭނާރުތައް ފުއްޕުމާއި ލޭނާރުތަކަށް ގެއްލުން ލިބުން ހިމެނެއެވެ. މި ވާގޮތެއް ރަނގަޅަށް ބަލައިލަން އެބަ ޖެހެ އެވެ.

ގިނަ އިރު އެއްގޮތަކަށް ހުންނަ ނަމަ ފައި އައްސި ވާ ގޮތް ވާނެ އެވެ. މިހެން ވަނީ ކަކުލުގެ ފަހަތުގައިވާ، ފައިގެ ތިރީ ބަޔަށް އިހުސާސް ފޯރުކޮށްދޭ ނާރު "ޕެރޯނިއަލް ނާވް" އަށް މާ ބޮޑަށް ޕްރެޝާ ލެވުމުންނެވެ. އެކަމަކު މީ ވަގުތީ ކަމެކެވެ.

އެއް ގޮތަކަށް އެތައް ގަޑިއިރެއް ވަންދެން ހުރެފި ނަމަ "ޕެރޯނިއަލް ނާވް ޕަލްސީ" ކިޔާ މެޑިކަލް ކޮންޑިޝަނެއް ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. މި ކޮންޑިޝަންގެ ސަބަބުން ފައިގެ އިނގިލިތައް އައްސިވެ، ހަރަކާތް ހުއްޓުވާލައެވެ.

ގިނަ އިރުވަންދެން އެއްފައި މައްޗަށް އަނެއް ފައި ލައިގެން އިނުމަކީ ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުނަށް ރަނގަޅު ކަމެއް ނޫން

ހަގީގަތަށް ބަލައިފިނަމަ ފައި ހުރަސްކުރުމުގެ ސަބަބުން "ޕެރޯނިއަލް ނާވް ޕަލްސީ" ފަދަ ކަމެއް ޖެހުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. ސަބަބަކީ ހަށިގަނޑަށް ކިރިޔާވެސް އުނދަގުލެއް ވާ އިރަށް ފައިގެ "ޕޮޒިޝަން" ބޭއިޚްތިޔާރުގައި ބަދަލުކުރެވޭ ކަމެވެ.

ފައި ހުރަސްކޮށްގެން ހުރުމުން ބީޕީ މަތިވާ ކަމަށް ބުނެވޭ ވާހަކައިގެ ހަގީގަތަކީ ކޮބާ ބާވައެވެ. ބީޕީ ބަލާއިރު އަތް ގޮނޑީގައި ނޫނީ މޭޒުމަތީގައި ބާއްވައި، ފައިވެސް ހުރަސްނުކޮށް ރީތިކޮށް ތިރިކޮށްގެން ހުންނަން އިރުޝާދު ދެވެއެވެ. އެއީ ފައި ހުރަސްކުރުމުން ވަގުތީ ގޮތުން ބީޕީ މަތިވެދާނެތީއެވެ.

2010 ވަނަ އަހަރު ކުރިއަށްގެންދިޔަ ހަތް ދިރާސާއަކުން ދެއްކިގޮތުގައި ފައި ހުރަސްކުރުމުން ބީޕީ މައްޗަށްދެއެވެ. އެއް ދިރާސާއިން ދެއްކި ގޮތުގައި ފައިހުރަސްކުރުމުން ބީޕީ އަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް މިއީ ކުދި ކުދި ދިރާސާތަކެވެ. އަދި މި ދިރާސާތަކުގައި ބީޕީ ބަލައިފައިވަނީ އެންމެ ފަހަރަކުއެވެ.

ގިނަ އިރުވަންދެން އެއްފައި މައްޗަށް އަނެއް ފައި ލައިގެން އިނުމަކީ ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުނަށް ރަނގަޅު ކަމެއް ނޫން

މިކަމުގެ ހަގީގަތް ބަލަން އިސްތަންބޫލްގެ ހައިޕާޓެންޝަން ކްލިނިކެއްގައި ވަނީ ބޮޑު ދިރާސާއެއް ކުރެވިފައެވެ. މި ދިރާސާގެ ދަށުން ވަނީ ފައި ހުރަސްކޮށްގެނާއި ފައި ހުރަސް ނުކޮށް އެތައް ފަހަރެއްގެ މަތިން ބީޕީ ނަގާފައެވެ. ނަތީޖާ ދެއްކިގޮތުގައި ފައި ހުރަސް ކުރުމުން ބީޕީ މައްޗަށް ދެއެވެ. ނަމަވެސް ފައި ރަނގަޅުކޮށް، އޭގެ ތިން ވަރަކަށް މިނިޓު ފަހުން ބަލާއިރު ބީޕީ ހުންނަނީ ތިރިވެފައެވެ. މިގޮތުން ބީޕީ އެންމެ މައްޗަށް ދަނީ ކުރީއްސުރެ ހައި ބީޕީ އަށް ފަރުވާ ހޯދަމުންދާ މީހުނެވެ.

މިހެން މެދުވެރިވާން ދިމާވާ ސަބަބެއްކަމަށް ބޮޑަށް ބެލެވެނީ އެއްކަކޫ މައްޗަށް އަނެއް ކަކޫ ލުމުން ފައިގައި ހުންނަ ލޭ މެއަށް ދިޔުމެވެ. މީގެ ސަބަބުން ހިތުން ޕަމްޕުކުރާ ލޭގެ މިންވަރު އިތުރުވެ، ބީޕީ މައްޗަށް ދާ ގޮތް މެދުވެރިވެއެވެ.

ފައި ހުރަސްކުރުމުން ވަގުތީގޮތުން ބީޕީ މަތިވިޔަސް އާދައިގެ މީހަކަށް މިކަމުން ވާނެ ގެއްލުމެއް ނެތެވެ. ނަމަވެސް ލޭ ގަނޑުވާ މީހުން ގިނަ އިރުވަންދެން ފައި ހުރަސްކޮށްގެން ހުރުން އެއީ އެދެވިގެންވާ ކަމެއް ނޫނެވެ.

ގިނަ އިރުވަންދެން އެއްފައި މައްޗަށް އަނެއް ފައި ލައިގެން އޮތުމަކީ ބައެއް ކަހަލަ ސިއްހީ މައްސަލަތައް ހުންނަ މީހުނަށް ރަނގަޅު ކަމެއް ނޫން

ދެން ފައި ހުރަސްކުރުމުން ނާރު ފުއްޕާ ފުއްޕުމަށް ބައިލަމާ ހިނގާށެވެ. ބައެއް މީހުންގެ ނާރު ފުއްޕާފައި އަނެއް ބައެއްގެ ނާރު ނުފުއްޕުން މިއީ ނޭނގުމެއްގެ ތެރޭގައިވާ ކަމެކެވެ. އާންމުގޮތެއްގައި ލޭނާރުތަކުތެރޭ ވާ ކުދި ކުދި ވޭލްތަކުން ލޭ ނުބައި ދިމާލަކަށް ދިއުން ހުއްޓުވައިދޭނެއެވެ. ނަމަވެސް މި ވޭލްތައް ތުނިވެ ބާރުދެރެ ވެއްޖެ ހާލަތުގައި ލޭ އެއްތަނަކަށް ޖަމާވެ، ނާރު ފުއްޕުމަށް މެދުވެރިވެއެވެ. ފައި ހުރަސް ކުރުން ނޫނީ ނުކުރުން މިއީ ނާރު ފުއްޕުމަށް މެދުވެރިވާ ސަބަބެއް ނޫނެވެ. ނާރު ފުއްޕުން ވަނީ ކޮންމެވެސް ވަރަކަށް "ޖެނެޓިކްސް" އާއި ގުޅިފައެވެ.

އެހެންވީމަ ފައިހުރަސްކޮށްގެން އިށީނދެގެން ތިބެން ފަސޭހަ މީހުން އެހެން އިށީނދެގެން ތިބޭށެވެ. އެކަމަކު އެހާ ގިނައިރުވަންދެން އެއްގޮތަކަށް އިށީންދެގެން ނީނުމަށް ސަމާލުކަންދޭށެވެ. އަދި އެކަމުން އުނދަގުލެއް ފާހަގަވާ ނަމަ އެކަން ނުކުރާށެވެ. އަދި ކުރީން މި ބުނި ކަހަލަ ސިއްހީ މައްސަލައެއް ހުރި ނަމަ ވެސް މިކަމާ ވީ ވަރަކުން ދުރުވުން ރަނގަޅު ވާނެ އެވެ.