އެމެރިކާގެ ލަވަކިއުންތެރިޔާ، ކާންޔޭ ވެސްޓަށް ފަހު ލިންޑްސޭ ލޯހަން ވެސް 2020 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކޮށްފި އެވެ.

ލިންޑްސޭ ވަނީ އޭނާ "އިންސްޓަގަރާމް" ގައި ޝެއާ ކުރި ޕޮޓޯއެއްގެ ކެޕްޝަންގައި ކާންޔޭ ޓެގް ކޮށް، އެމެރިކާގެ ވެރިޔަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"އަހަރެން 2020 ވަނަ އަހަރު ފަހަރެއްގަ ރައީސް ކަމަށް ކުރިމަތިލާނަން،" އޭނާ ލިޔުނެވެ. "ހިނގާ މިކަން ކުރަން، ކާންޔޭ ވެސްޓް... އަހަރުމެން މިއަށްވުރެ ރަނގަޅު މީހުނަށް ވާން ތި ދޭ ހިތްވަރަށް ޝުކުރިއްޔާ."

ލިންޑްސޭ ވަނީ އޭގެ އިތުރުން ކާންޔޭ އާ އެކީ ނަގާފައިވާ ފޮޓޯ އެއްވެސް ޝެއާ ކޮށްފައެވެ. "އަހަރެން ރައީސާ އަކަށް ވީމަ ކުރާނެ އެންމެ ފުރަތަމަ ކަމަކީ... ދުނިޔޭގަ ބިކަ ހާލުގަ ޖެހިފަ ތިބޭ ކުދިންނަށް އަޅާލުން،" އެ ފޮޓޯ ގެ ކެޕްޝަންގައި އޭނާ ލިޔުނެވެ. "ކުއީން އެލިޒެބެތު ވަނީ އަހަންނަށް މިކަން ކުރަންވީ ގޮތް ދައްކާފަ."

މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގައި، އެތައް ފަހަރެއް މަތިން ހައްޔަރުކޮށް އެތަކެއްފަހަރު ރީހެބް އަށް ގޮސްފައިވާ ލިންޑްސޭ މިހާރު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގަ އެވެ. އޭނާ ވަނީ މިއަހަރު ކުރީކޮޅު އިނގިރޭސިވިލާތުގެ ރައްޔިތަކަށް ބަދަލުވާން ބޭނުންވާ ވާހަކަ ބުނެފައެވެ. އެކަމަކު މީ އޭނާ އެމެރިކާގެ ރައީސް އަކަށް ވާން ބޭނުން ނަމަ އެ ފުރުސަތު ގެއްލޭނެ ކަމެކެވެ.

ކާންޔޭ ވަނީ މީގެ ދެ މަސް ކުރިން އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ގައިވެސް 2020 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާނު ކޮށްފަ އެވެ. މިކަން ވީ ސޯޝަލް މީޑިޔާ އަށް ބޮޑު ލޮޅުމެއް އައި ކަމަކަށެވެ. މިކަމާ ގުޅިގެން ބައެއް މީހުންގެ މަލާމާތް ރައްދު ވި ނަމަވެސް ކާންޔޭގެ އަންހެނުން، ރިއެލިޓީ ޓީވީ ގެ ރާނީ ކިމް ކާޑޭޝިއަން ވަނީ އޭނާގެ ފިރިމީހާގެ ނިންމުމަށް ތާއީދުކޮށް، އެއީ އޭނާ ސަމާސާއަކަށް ބުނި ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އިން ވަނީ ކާންޔޭގެ ނިންމުމަށް ތާއިދުކޮށްފަ އެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ވަނީ ކާންޔޭ އަށް ނަސޭހަތުގެ ދެތިން ބަސްކޮޅެއްވެސް އިއްވަދީފައެވެ.

2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބު ވަރަށް "އެންޓަޓެއިނިން" ވާނެ ކަމަށް ބެލެވެ އެވެ.