ވީނުވީއެއް ނޭނގި އާއިލާ އާއި ވަކިވެ، ޕާކިސްތާނުގައި ތާށިވެފައިހުރި މަންމަނު އިންޑިޔާ އަންހެންކުއްޖާ އަށް އޭނާގެ އާއިލާ މީހުން ދިހަ އަހަރު ފަހުން ފެނިއްޖެ އެވެ.

އިވުމާއި ވާހަކަދެއްކުމުން މަހުރޫމްވެފައިވާ ގީތާ ގެއްލުނު އިރު އޭނާގެ އުމުރުން ވާނީ 11 އަހަރެވެ.

ގީތާ ގެ ވާހަކަ މީހުންގެ ސަމާލުކަމަށް ބޮޑަށް އައީ ބޮލީވުޑް ފިލްމު "ބަޖްރަންގީ ބައިޖާން" އަށް ފަހުއެވެ. އެ ފިލްމުގައި އާއިލާ އާ ވަކިވެ އިންޑިޔާގައި ތާށިވާ މަންމަނު ޕާކިސްތާނު އަންހެން ކުއްޖަކު އަނބުރާ އޭނާގެ އާއިލާ ކައިރިއަށް ގެންގޮސްދޭން މަސައްކަތްކުރާ މީހެއްގެ ރޯލު ކުޅެފައިވާ ސަލްމާން ޚާން ވަނީ ގީތާ އަނބުރާ އޭނާގެ އާއިލާގެ ހިމާޔަތަށް ގެންނަން ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވައުދުވެފައެވެ.

ގީތާ ބޮޑުވެގެން އައީ "އެދީ" ކިޔާ ޝެލްޓާރ އެއްގައެވެ. މިހާރު އުމުރުން 22 އަހަރު ވެފައިވާ ކަމަށް ބެލެވޭ އެ އިންޑިޔާ ކުއްޖާއަށް "ގީތާ" ގެ ނަން ދިނީ އެތަނުގެ މުއައްޒަފުންނެވެ.

ގީތާ ވަނީ ޕާކިސްތާނުގައި ހުންނަ އިންޑިޔަން ހައި ކޮމިޝަނަރު ފޮނުވި ފޮޓޯ އަކުން އޭނާގެ އާއިލާ ދެނެގަނެފައެވެ.