22 Oct 2015, 21:34
ކޮލަމްބޯއިން:މުހައްމަދު ސިމާއު
ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)، "ސޯސަންވިލާ"ގައި ނަމާދުގެ އެއް ހުޅުވައިފިއެވެ.
ސޯސަންވިލާގައި މިއަދު ހަވީރު އޮތް ހަފްލާއެއްގައި ނަމާދުގެ ހުޅުއްވައިދެއްވީ މިހާރު ކޮޅުބުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.
ގާތްގަނޑަކަށް 40 މީހުންގެ ޖާގައިގެ އެ ނަމާދުގެ ހުޅުއްވައިދެއްވުމަށްފަހު ޖަމާއަތުގައި ވަނީ މިއަދުގެ އަސުރު ނަމާދު ވެސް ކޮށްފައެވެ.
ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި ސޯސަންވިލާ ހިންގެވުމާ ހަވާލު ހުންނެވި އަބްދުއް ރަޝީދު ވިދާޅުވި ގޮތުގައި، ސޯސަންވިލާގެ ގޯތިތެރޭގައި ހެދި އެތަނަކީ ސަރުކާރުގެ ބަޖެޓުންނާއި ހެޔޮ އެދޭ އަމިއްލަ ފަރާތްތަކާ ސޯސަންވިލާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ގާއިމްކުރެވުނު މިސްކިތެކެވެ.
އެގޮތުން، ޒަމާނީކޮށް ހަދާފައިވާ އެ ނަމާދުގެއަށް ގާތްގަނޑަކަށް ފަސް ލައްކަ ސްރީ ލަންކަން ރުޕީސް ހަރަދުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުނގަޑުމެން ބޭނުންވަނީ ސޯސަންވިލާއަކީ ކުޅިވަރުގެ ކަންތައްތަކުގެ އިތުރުން ދީނީ ކަންތައްތައް ވެސް ކުރިއަށްގެންދާ ތަނަކަށް ހަދަން. އެގޮތުން މީގެ ކުރިން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ޝެއިހުން ގެނެސްގެން ދީނީ ދަރުސްތައް ވެސް ދީފައިވާނެ،" އަބްދުއް ރަޝީދު ވިދާޅުވި އެވެ.

ސޯސަންވިލާގެ ގޯތިތެރޭގައި ހެދި ނަމާދުގޭގެ އެތެރެ --- ސަން ފޮޓޯ
ސިލޯނުގައި ގާތްގަނޑަކަށް 14000 ގާތްކުރާ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާއިރު، ހުކުރު ނަމާދުފަދަ ބޮޑެތި ނަމާދުތައް އެއް ޖަމާއަތެއްގައި ދިވެހި ހުތުބާއަކާއެކު ކުރުމަކީ ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ދެކެމުން އަންނަ ހުވަފެނެކެވެ.
އެކަމާ ގުޅިގެން ސްރީ ލަންކާގެ އިސްލާމީ ކަންތައްތަކާ ބެހޭ މައި ޖަމިއްޔާ، އޯލް ސިލޯން ޖަމިއްޔަތުލް އުލަމާގެ ޖެނެރަލް ސެކްރެޓަރީ އަދި ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އިސްލާމީ ކަންތައްތަކުގައި ލަފާއަރުއްވާ އައްޝެއިހް މައުލާނާ ތާސިމް ވިދާޅުވާ ގޮތުގައި، ސްރީ ލަންކާގައި ހުންނަ ދުބާއީ އަދި ސައުދީ އަރަބިއްޔާގެ އެމްބަސީގައި ވެސް ޖަމާއަތުގައި ހުކުރު ނަމާދުފަދަ ބޮޑެތި ނަމާދުތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ސޯސަންވިލާގައި ދިވެހި ހުތުބާއަކާއެކު ދިވެހިންނަށް އެއް ޖަމާއަތެއްގައި ނަމާދު ކުރެވޭނެ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.