22 Oct 2015, 17:47
މިރޭ ބާއްވަން ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބު ކެންސަލްކޮށްފި އެވެ.
އެފްއޭއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވައިލުމަށް 22 އޮކްޓޫބަރު ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭވުމަށް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން ހުއްދަ ނުދިނުމާ ގުޅިގެން އިންތިޚާބު ކެންސަލްކޮށްފައި ވާކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ، ފަހުވަގުތު އިންތިޚާބު ކެންސަލް ކުރަން މަޖުބޫރުވީ، އެފްއޭއެމާއި، އޭއެފްސީއާއި އަދި ފީފާ ގުޅިގެން ކުރިމަސައްކަތުން ވެސް އިންތިޚާބު ބެއްވުމަށް ހުއްދަ ނުލިބުމުން ކަމަށެވެ.
އިންތިޚާބު ކެންސަލްކުރާން ޖެހުމުން އެކަމާ ގުޅޭ އެންމެހާ މައުލޫމާތު އެފްއޭއެމުން އޭއެފްސީއަށާއި ފީފާއަށް އަންގާނޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"މިއާއެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާއި މިނިސްޓަރ އޮފް ޔޫތުއެންޑް ސްޕޯޓްސް އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒާ އެކު ފާއިތުވި ދެދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކާ ގުޅޭ ގޮތުން ފީފާއާއި އޭއެފްސީގެ މަންދޫބުން ގުޅިފައިވާ ރިޕޯޓެއް އެކުލަވައިލާނެ،" އެފްއޭއެމްގެ ބަޔާނުގައި ވެއެވެ. "އެ ރިޕޯޓަށް ބެލުމަށް ފަހު، ކަމާގުޅޭ ބޮޑީތަކުން، ފީފާގެ އިމަޖެންސީ ކޮމިޓީ ފަދަ ތަންތަނުން ދެން ކުރިއަށް ގެންދާނޭ ގޮތަކާމެދު މަޝްވަރާކުރާނެ."
މިރޭ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވިއްޖެ ނަމަ ފީފާ އާއި އޭއެފްސީން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ކުރިން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ އަސާސީ ގަވައިދަށް ގެނައި އިސްލާހުތައް ޖަމިއްޔާތަކުގެ ރެޖިސްޓްރާ އަށް ހުށަހަޅައި ފާސްކޮށްފައި ނުވާތީ، މިރޭ ބާއްވަން އޮތް އެފްއޭއެމްގެ އިންތިހާބާ މެދު ޔޫތު މިނިސްޓްރީން ލަފަޔަކަށް އެދުމުން، އެފްއޭއެމްގެ އަސާސީ ގަވައިދަށް އަމަލު ނުކުރެވޭނެ ކަމަށާއި އެ ގަވައިދުގެ ދަށުން އިންތިހާބު ބާއްވަން ނުފެންނަ ކަމަށް ބަންޑާރަ ނައިބު މިއަދުވަނީ ލަފާ ދެއްވައިފައެވެ.
އެހެން ނަމަވެސް އެފްއޭއެމުން ބުނެފައި ވަނީ، ހޯމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ވާނީ ހުށަހަޅައިފައި ކަމަށެވެ. އަދި އަސާސީ ގަވައިދު އިސްލާހުކުރީ ހޯމް މިނިސްޓްރީގެ އޮފިޝަލުންގެ ހާޒިރުގައި ކަމަށްވެސް އެފްއޭއެމުން ބުނެފައި ވެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ކަންކަން ހަރުދަނާކުރުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު، ފީފާއިން އެކުލަވައިލި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު، މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ފީފާގެ އެގްޒެކެޓިވް ކޮމިޓީން ވަނީ، މި ހިނގާ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.