30 Mar 2011, 15:58
ވައްކަމާއި މާރާމާރީ ފަދަ ބޮޑެތި ކުށްކުރާ ނުރައްކާތެރި ކުށްވެރިން ހުއްޓުވުމަށް ފުލުހުންނަށް "ލެސް ލީތަލް" ހަތިޔާރު ބޭނުންކުރުމުގެ ހުއްދަދޭން ނިންމި ނިންމުމަކީ އެފަދަ ކުށްކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ގިނަ ފަހަރު ނުރައްކާތެރި ކުށްވެރިން ފުލުހުންނާ ކުރިމަތިލަނީ ދަގަނޑުބުރި އާއި ވަޅިއާއި އޭތިމީތި ހިފައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި އެމީހުންގެ ކިބައިން ފުލުހުންނަށް ސަލާމަތްވެވޭނެ ގޮތެއް ގިނަ ފަހަރު ނޯންނަ ކަމަށެވެ.
"ފުލުހުންގެ މީހާ ސަމާތްވާ ގޮތެއްނޯވޭ. ދަގަނޑުބުރި އާއި އޭތިމީތި ހިފައިގެންކުށްވެރިން މި ކުރިމަތިލަނީ ފުލުހުންނާ. ފުލުހުންގެ މީހާ ސަލާމަތްވާނެ ގޮތެއް ނޯވޭ. ފުލުހުންނަށް މިހާރު ޤާނޫނުން ލިބިގެންވާ ބާރެއް ބޭނުންކުރިޔަސް ކޮންމެ ވެސް ކޮމިޓީއަކަށް ހާޒިރުކޮށް ހަދާތީ، ބާރުގެ ބޭނުން ކުރުމުގައި ދަތިތަކާއި ހުރަސްތަކެއް ކުރިމަތިވޭ،" ފުލުހުންގެ އިސް އޮފިޝަލު ވިދާޅުވި އެވެ. "ދެން އޭގެ އެޑްވާންޓޭޖް މި ނަގަނީ ކުށްވެރިން،"
އެހެންކަމުން، ލެސް ލީތަލް ނުވަތަ ފުރާނައަށް ނުރައްކާ ކުޑަ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ އެ ނިންމެވި ނިންމެވުމުގެ ސަބަބުން ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލުމަށް "ފުލުހުންނަށް އިތުރު ހިތްވަރެއް" ލިބިގެންގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ލެސް ލީތަލު ހަތިޔާރުގެ ތެރެއަށް ފެތޭ ހުރިހާ ހަތިޔާރެއް ފުލުހުންނަށް ބޭނުންކުރުމުގެ ހުއްދަ އެ ނިންމުމުގެ ދަށުން އޮންނާނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭއަކީ އޭގެ މިސާލުތަކެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ ޤާނޫނުގައިވާ ގޮތުގައި ލެސް ލީތަލް ހަތިޔާރުގެ ގޮތުގައި ބެލެވެނީ ބަޑި ފިޔަވައި އެނޫން ހަތިޔާރުތަކެވެ. އޭގެ ތެރޭގައި ސްޓަން ގަން އާއި ކަރަންޓު މުގުރާއި ރަބަރު އުންޑަ ފަދަ އެއްޗެހިވެސް ހިމެނޭނެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ، ފުލުހުންނަށް އެފަދަ ހަތިޔާރުތައް ބޭނުންކުރުމުގެ ހުއްދަ ދިނީ "ފުލުހުން މިހާރު ބޭނުންކުރާ ބާރުތަކަކީ، ކުށްކުރާ މީހުން ބޭނުންކުރަމުންދާ ހަތިޔާރުތަކަށް ބަލާއިރު، މިހާރުގެ ހާލަތަށް އެކަށޭނަ މިންވަރެއް ނޫންކަން،" ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.