20 Apr 2010, 16:17
19:00
ސިވިލް ސާވިސްގެ މުވައްޒަފަކު އޮފީހަށް ނުކުތުން، މިނިސްޓަރުންނާއި ކައުންސިލަރުން ފަދަ ސިވިލް ސާވިސްގައި ނުހިމެނޭ ފަރާތްތަކަށް މަނާނުކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ކުރިއަށްދިޔަ ސުވާލުކުރުމުގެ ވަގުތުގައި، އެންމެ އެކަށީގެންވާ ހިދުމަތް ދެވޭނެ ގޮތަށް ކަންތައްތައް ރޭވުމަކީ އެ ވަގުތަކު ސަރުކާރުގެ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނަވާ އެންމެ އިސް ވެރިއެއްގެ މަސްއޫލިއްޔަތަކަށްވާއިރު ސިވިލް ސާވިސްގެ ބަހެއް ނެތަސް ސިވިލް ސާވިސް މުވައްޒަފުން ގެއަށް ފޮނުވާލުމުގެ ބާރު ސިޔާސީ ފަރާތްތަކަށް ލިބިގެންވާ ކަމުގައި ގަބޫލު ކުރައްވާ ކަމަށް ހޯމް މިނިސްޓަރ މުހައްމަދު ޝިހާބު ވިދާޅުވުމާ ގުޅިގެން ރައްދު ދެއްވައި، ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނަކުން ބާރު ލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒިފަކު އެއްވެސް މީހަކަށް އަމުރެއް ކޮށްގެން ނުވާނެ ކަމަށާއި، ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާ ނުވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި، ބަޔާންކޮށްފައިވުމާއި، މުސާރަ ދޭގޮތަށް ނުވަތަ މުސާރަ ނުދޭގޮތަށް މުވައްޒިފުން އޮފީހަށް ނުކުތުން މަނާކުރުމުގެ ބާރު ލިބިގެންވަނީ، ހަމައެކަނި ސިވިލްސާވިސް ކޮމިޝަނަށް ކަމަށް ސިވިލް ސާވިސްގެ ގާނޫނުގައި ބަޔާންކޮށްފައި ވާތީ، ދިވެހި ސިވިލް ސާވިސްގެ މުވައްޒަފަކު އޮފީހަށް ނުކުތުން މިނިސްޓަރުންނާއި ކައުންސިލަރުން ފަދަ ސިވިލް ސާވިސްގައި ނުހިމެނޭ ފަރާތްތަކަށް މަނާނުކުރެވޭނެ ކަމަށެވެ.
ސިވިލް ސާވިސްގެ މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރާވަރުގެ ކަމެއް ކޮށްފިނަމަ، ވަގުތުން ފިޔަވަޅު އެޅޭނެ އިންތިޒާމް ސިވިލް ސާވިސްގެ ތެރޭގައި ހަމަޖެހިފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގައި އެ މީހަކު ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށާއި، އެ އޮފީހެއްގެ އެންމެ އިސް ފަރާތަށާއި، އެ އޮފީހެއްގެ ސިވިލް ސާވިސް ތަމްސީލްކުރާ އެންމެ އިސް ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ކަމަށް ސިވިލް ސާވިސްގެ ގާނޫނުގެ ބުނެފައިވާތީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ހިދުމަތް ދިނުމުގައި އެ އޮފީހެއްގެ އެންމެ އިސް ވެރިންގެ ގޮތުގައި ތިއްބަވާ މިނިސްޓަރުންނާއި ކައުންސިލަރުން ދެއްވާ އިރުޝާދާއި ކުރައްވާ އަމުރުތަކަށް ޖަވާބުދާރީ ވުމަށާއި، މުއާމަލާތް ކުރުމުގައި ސިވިލް ސާވިސްގެ ސުލޫކީ މިންގަނޑުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އިހުތިރާމާއި، އިހުލާސްތެރިކަމާއެކު މުއާމަލާތް ކުރުމަށް ދަންނަވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ސިވިލްސާވިސް ކޮމިޝަނުން ބުނެފައިވެ އެވެ.