22 Oct 2015, 17:56
ކްރިމިނަލް ކޯޓާ ބެހޭ ގޮތުން މީޑިއާތަކަށް ދޮގުމައުލޫމާތު ދިންކަމަށް ބުނެ ފުލުހުން މިއަދު ކްރިމިނަލް ކޯޓަަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ފުލުހުން މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ، އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމްއާއި އޭނާގެ އަނބިކަނބަލުން ޕަބްލިކް ޕްރޮސެިކިއުޓަރ އައިޝަތު ހަނާ ވަހީދު ގޭބަންދުން ދޫކޮށްލީ، ކްރިމިނަލް ކޯޓުން ކަމަށް ބުނެ، ފުލުހުން މީޑިއާ ތަކަށް މައުލޫމާތު ދީފައި ވާތީއެވެ.
މިއަދުގެ އެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުޙައްމަދު ވިދާޅުވީ، އެ ދޮގު ހަބަރާ ގުޅިގެން މިމަހުގެ ހަވަނަ ދުވަހު ކޯޓުން ފުލުހުންނަށް ގުޅުމުން އެއީ އޮޅުމަކުން ކުރެވުނު ކަމެއްކަމަށް ފުލުހުން ބުނެފައި ވާ ކަމަށެވެ.
އެކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ހުސެން ފިރާޒާ ކުރިމަތި ކުރި ސުވާލުތަކުގެ ޖަވާބުގައި އޭނާ ވިދާޅުވީ، އެފަދަ މައުލޫމާތެއް އޭނާ މީޑިއާއަށް ދީފައިވާނެ ކަމަށާއި އެ މައުލޫމާތު މީޑިއާތަކަށް ދިނީ، ފުލުހުން އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން، ޑްރަގް އެންފޯސްމަންޓް ޑީޕާޓްމަންޓްގެ ހެޑް އަހްމަދު ޝިފާނު ކުރެން މައުލޫމާތު ހޯދުމަށްފަހު ކަމަށެވެ.
މައުލޫމާތު ދިނީ، ކޮންކޮން މީޑިއާއަކަަށްތޯ އިސްގާޒީ ދެންނެވުމުން ފިރާޒް ވިދާޅުވީ، މިވަގުތު އެއީ ސީދާ ކޮން މީޑިއާއަކަށް ކަން، ހަނދާން ނެތްކަމަށެވެ.
ވިސާމްއާ ހަނާ ދޫކޮށްލި ދޫކޮށްލުމާ ބެހޭގޮތުން ފުލުހުންގެ މީޑިއާއިން ދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ އޮންލައިން ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކުގެ ޕްރިންޓް ކޮޕީވެސް ކޯޓުން ވަނީ ފުލުހުންނާ ހިއްސާކޮށްފައެެވެ.
އިސްގާޒީ އަބްދުﷲ މުޙައްމަދު ވިދާޅުވީ، ފުލުހުން މީޑިއާތަކަށް މައުލޫމާތު ދޭންޖެހޭނީ، ވަކިމީހަކު އަންގާ ގޮތަކަށް ނޫން ކަމަށާއި މައުލޫމާތު ދޭންޖެހޭނީ އެ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.
އިސްގާޒީގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ، ދޮގު މައުލޫމާތު ހިމެނޭ އެ ހަބަރު މީޑިއާތަކަށް ދެވުނު ފަހުން ވަރަށް ގިނަ މީޑިއާތަކަށް ގުޅައި، އެކަން ރަނގަޅު ކުރުމަށް މަސައްކަތްކޮށްފައި ވާނޭ ކަމަށެވެ. އެގޮތުން ގިނަ މީޑިއާތަކުން ފަހުން އެކަމުގެ ސައްހަ ހަބަރު ގެނެސްދީފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އިސްގާޒީ ވަނީ އެއީ އެކަންކުރަން ޖެހޭ ގޮތް ނޫންކަމަށް ވިދާޅުވެ، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ގިނަ އިރުޝާދުތަކެއް ފުލުހުންނަށް ދެއްވައިފައެވެ.
އިސްގާޒީގެ އެ އިރުޝާދުތައް އަޑުއެއްސެވުމަށްފަހު، އިސްމާއީލް ވިދާޅުވީ، އެކަމާ މައާފަށްއެދި މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބަޔާނެއް ނެރޭނެ ކަމަށެވެ.
އިސްގާޒީ ވިދާޅުވީ، ފުލުހުން މިއަދު ކޯޓަށް ހާޒިރުކޮށްފައި މިވަނީ، ވަރަށް ގިނަފަހަރު އެފަދަ ކަންތައްތައް ތަކުރާރުވެފައި ވަނިކޮށް ކަމަށެވެ. ފުލުހުންގެ މީޑިއާގައި މަސައްކަތްކުރައްވާ ދެ ބޭފުޅުންގެ އިތުރުން ޑްރަގް އިސްވެސްޓިގޭޝަންގެ ހެޑް ސަބްއިންޕެކްޓާރ އޮފް ޕޮލިސް ހަސަން ވިޝާމާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން އޮފިސަރު ޕޮލިސް ސާޖެންޓް އިސްމާއީލް އާމިރު ވެސް ވަނީ ކޯޓަށް ހާޒިރުކޮށް ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވައިފައެވެ.