22 Oct 2015, 19:35
ރައީސް އަބްދުﷲ ޔާމީނަށް މިވަގުތު ދިމާވެފައިވާ ހިތްދަތިކަމުން ސަލާމަތްވުމަށް އެއްބާރުލުން ދީ ސަރުކާރުގެ އާސާސްތައް ވަރުގަދަކޮށް ބޭއްވުމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށް އެމްޑީއޭގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޕާޓީއާ ސަރުކާރާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ބުނެ ތުންތުން މަތިން ދެކެވެމުންދާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އެމްޑީއޭ އޮތީ ރައީސް ޔާމީނާ އެކު ކަމަށެވެ.
މިއަދު އެމްޑީއޭއިން ބޭއްވި ގައުމީ މަޖިލީހުގައި ސަރުކާރާއެކު މަސައްކަތް ކުރުމަށް ނިންމާފައިވަނީ މަޖިލީހުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އަދި ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއަކީ އެމްޑީއޭ އިން އަބަދުވެސް ކުށްވެރި ކުރާނެ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފިނިފެންމާ ލޯންޗުކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހަމަލާ ދިނުމަށް ގޮވާއެއްޗެއް ހަރުކޮށްފައި ވަނީ އެމަނިކުފާނު އިންނަވާ ގޮނޑިކޮޅުގެ ދަށުގައި ކަމަށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ދުވަހު އިއްތިފާގުން ރައީސް އެ ގޮނޑިކޮޅުގައި އިށީނދެވަޑައިނުގަންނަވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ލޯންޗުކޮޅުގެ ތަހުގީގަށް ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ސިފައިންގެ މީހުންނެވެ. އަދި އެތަނުން އެކަކީ ބަޑި ގުދަނުގައި މަސައްކަތް ކުރާ މީހެކެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވުމުގެ ހާދިސާއެއް ހިނގާފައި މިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޖުގެ އަޅުކަމަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ ވަޑައިގަތުމަށް ފިނިފެންމާ ލޯންޗު އިއްޒުންދީން ފާލަމާ ކައިރިކުރަނިކޮށެވެ.