ރާއްޖެއަަށް އެތެރެެކުރާ ބައެއް ދިރޭތަކެތީގެ ތެރެއިން ދުނިޔޭން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ރިޕޯޓް އެކަށީގެންވާ ގޮތުގައި ނުބެލަހެއްޓޭ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ދުނިޔޭން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި އާއި ބެހޭ މުއާހަދާ، ސައިޓީސް އާއި ބެހޭ މައުލޫމާތު ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ބޭއްވި ވޯކްޝޮޕް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ދީދީ ވިދާޅުވީ، ސައިޓީސް މުއާހަދާ ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސައިޓީސް މުއާހަދާ އާއި ބެހޭ ގޮތުން ބޭއްވި ވޯކްޝޮޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ރާއްޖެއަށް އެތެރެކުރާ ބައެއް ދިރޭތަކެތި ގެންނަ ގައުމުތަކުން އެތަކެއްޗާ ބެހޭ ރިޕޯޓް ރާއްޖެއަށް ފޮނުވާ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ކަސްޓަމްސް އިން އެ ގައުމުތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ބައެއް ފަހަރު ނުފޮނުވައި ހުންނަ ކަމަށް އަބްދުﷲ މުހައްމަދު ދީދީ ވިދާޅުވިއެވެ.

އަދި އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ އެފަދަ ކަންތައްތައް ފުރިހަމަކުރަން ސައިޓީސް އިދާރާއިން އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑު އުއްމީދުކުރާ ގޮތުގައި މި ބައްދަލުވުމުގައި އަޅުގަނޑުމެންނަށް މި ދެންނެވި ގޮތަށް ރިޕޯޓްކުުރުމާއި އަދި މި މުއާހަދާގެ ދަށުން ލާޒިމްކުރާ ކަންތައްތައް ބެލެހެއްޓުމަށް އިތުރަށް މަގު ފަހި ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ސައިޓީސް މުއާހަދާ ތަންފީޒުކުުރުމުގެ ގޮތުން ހަދާ ގަވައިދު އެކުލަވައިލުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަަކާ ގުޅިގެން ކުރިއަށްދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ގަވައިދު ގެޒެޓްކުރާނެ ކަމަށް ވެސް އަބްދުﷲ މުހައްމަދު ދީދީ ވިދާޅުވިއެވެ.

" އެ ގަވައިދު ގެޒެޓް ކުރެވިގެން ދިޔައިމަ ތަންފީޒީ އިދާރާގެ ގޮތުގައި ކަސްޓަމްސް އަށް ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކަށް އޭގެ ސަބަބުން ހައްލުވާނެ،" އޭނާ ވިދާޅުވިއެވެ.

އެ ގަވައިދުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ދިރުންތައް ބެލެހެއްޓޭނެ ގޮތެއް އެކުލަވައިލާނެ ކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.

ސައިޓީސް މުއާހަދާ އާއި ބެހޭ ގޮތުން ބޭއްވި ވޯކްޝޮޕް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

އެއް ދުވަހުގެ އެ ވޯކްޝޮޕްގައި ކަސްޓަމްސްގެ 27 މުވަޒަފުން ބައިވެރިވިއެވެ. ކަސްޓަމްސް އާއި އެންވަޔަރަންމެންޓް މިނިސްޓްރީ ގުޅިގެން ދަނީ ސައިޓީސް މުއާހަދާ ތަންފީޒު ކުރުމާއި ބެހޭ ވޯކްޝޮޕްތައް ދޭތެރެދޭތެރެއިން ބާއްވަމުންނެވެ.