މުސްލިމުންގެ ތިން ވަނައަށް އެންމެ މުޤައްދަސް ބިނާ ކަމަށްވާ އަލް އަޤުޞާ މިސްކިތް ހުރި ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގަމުންދާތީ ތިން ހަރަމް ހިމެނޭ ގޮތަށް މި ދުވަސްވަރު އުމްރާ ދަތުރު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަލަސްތީނަށް ޒިޔާރަތް ކުރާ ގޮތަށް ރާއްޖޭގެ ގްރޫޕްތަކުން ތިން ހަރަމް ހިމެނޭ ގޮތަށް ކުރާ އުމްރާ ދަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"...ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުން ފަލަސްތީނަށް ޒިޔާރަތްކުރާ ގޮތަށް ތިން ހަރަމަށް ކުރާ އުމްރާ ދަތުރުތައް ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އުމްރާ ގްރޫޕްތަކުން މިކަމަށް ސަމާލުކަން ދެއްވައި ތިން ހަރަމް ހިމެނޭ ގޮތަށް ޢުމްރާ ދަތުރުތައް މި ދުވަސްވަރު ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އިސްރާއީލް ސިފައިން އެތައް ފަހަރެއްގެ މަތިން އަގުސާ މިސްކިތަށް ވަދެ، އެތަނަށް މުސްލިމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށް، އެކަމުގެ ތެރޭގައި މިސްކިތަށް ގެއްލުންތައް ދިނުމުގެ ސަބަބުން ފަލަސްތީނުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ފެށިފައެވެ.