ސޮނެވާ ރިސޯޓްސް އެންޑް ރެޒިޑެންޓްސްގެ އާ ރިސޯޓެއް އަންނަ އަހަރު ރާއްޖޭގައި ހުޅުވަން އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނިން ރާއްޖޭގައި މިހާރުވެސް ރިސޯޓް ހިންގަ އެވެ. ސޮނެވާގެ ދެވަނަ ރިސޯޓްކަމަށްވާ "ސޮނެވާ ޖާނީ" ރިސޯޓް ތަރައްގީކުރަނީ ނ. އަތޮޅު މެދުފަރުގަ އެވެ.

އެއާޕޯޓުން ފުރައިގެން 30 މިނެޓްގެ ތެރޭގައި ސީޕްލޭނެއްގައި އެ ރަށަށް ދެވެއެވެ. އަދި ސޮނެވާ ކުންފުނިން މިހާރު ރާއްޖޭގައި ހަދާފައިވާ ރިސޯޓް، ސޮނެވާ ފުށިން ފުރައިގެން ލޯންޗެއްގައި އެއްގަޑިއިރުން އެ ރިސޯޓަށް ދެވޭނެ އެވެ.

ސޮނެވާ ޖާނީ ރިސޯޓްގައި ޖުންލަ 57 ވިލާ ހުންނާނެ އެވެ. އޭގެތެރޭގައި 24 އޯވާވޯޓާ ވިލާ ހިމެނެ އެވެ. އެހެން ރިސޯޓްތަކާ ހިލާފަށް އެ ވޯޓާވިލާ ތަކަށް ދެވޭނީ ކުޑަ ދޯންޏެއް ނުވަތަ ޑިންގީއެއް ޒާތުގެ އެއްޗެއްގަ އެވެ. ފާލަމެއް ނުހުންނާނެ އެވެ.

ސޮނެވާ ކުންފުނިން އަންނަ އަހަރު ރާއްޖޭގައި ހުޅުވަން ތައްޔާރުކުރާ ރިސޯޓްގެ ކުރެހުމެއް

އޭގެ އިތުރުން 20 ބެޑްރޫމް ރަށުތެރޭގައި ހުންނާނެ އެވެ. އަދި 13 ބެޑްރޫމް ވިލާ ރިސޯޓުގެ އަތިރިމަތީގައި ހުންނާނެ އެވެ. އަދި ލަގްޒަރީ ފެންވަރުގެ ޕްރައިވެޓް ރެޒިޑެންސް ވެސް އެ ރިސޯޓްގައި ތަރައްގީކުރާނެ އެވެ.

ފަސްތަރީގެ ފެންވަރަށް ތަރައްގީކުރާ އެ ރިސޯޓުގައި ބީޗް ރެސްޓޯރެންޓަކާއި ކްލަބް ހައުސްއަކާއި ސްޕާ އަކާއި ސިނަމާއެއްގެ އިތުރުން ވޯޓާ ސްޕޯޓްސް އަދި ޑައިވް ސްކޫލް ވެސް ހުރެއެވެ.

ސޮނެވާ ކުންފުނީގެ "ސޮނެވާ ފުށި" ހިންގަނީ ރާއްޖޭގަ އެވެ. އަދި ތައިލޭންޑްގައި "ސޮނެވާ ކިރި" ހުންނަ އިރު މިއަހަރު ފަހުކޮޅު "ސޮނެވާ އިން އެކުއާ" ގެ ނަމުގައި އެ ކުންފުނިން ރާއްޖޭގައި މަތީފެންވަރުގެ ޔޮޓެއް ތައާރަފްކުރާނެ އެވެ.