ވޮޝިންޓަން (އޮކްޓޯބަރ 22): ޕާކިސްތާނުން ކުރިޔަށްގެންދާ ނިއުކްލިއަ ކުދި ބޮން (ނިއުކްލިއަ ޓެކްޓިކް ހަތިޔާރު) އުފެއްދުމުގެ ޕްރޮގްރާމް ހުއްޓާނުލެވޭނެކަމަށާއި މިކަމާދެކޮޅަށް އެމެރިކާ އަޅާ އެއްވެސް ފިޔަވަޅެއް އަދި ކުރިމަތިކުރާ އެއްވެސް ފިއްތުންތަކެއް ގަބޫލު ނުކުރާނެކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި އެގައުމަކީ ނިއުކްލިއަ ބާރެކެވެ. އެހެންކަމުން ނިއުކްލިއަ ޑިޓަރެންޓެއް (އައްޑަނައެއް) ގާއިމްކޮށް އޭގެ މައްޗަށް ގައުމީ ދިފާއު ބަރޯސާ ކުރުމުގެ ސިޔާސަތެއް ގެންގުޅުމުގެ ހައްގު ނިއުކްލިއަ އެހެން ގައުމުތަކެކޭ އެއްގޮތަށް ޕާކިސްތާނަށްވެސް ލިބިގެންވާނެއެވެ. ޕާކިސްތާނުގެ މަސްއޫލުވެރިން މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ޕާކިސްތާނުގެ ނިއުކްލިއަ ސްޓޮކް އިތުރުވަމުންދާތީ އެކަމާމެދު ކަންބޮޑުވާކަން އެމެރިކާގެ ބައެއް މަސްއޫލުވެރިން ހާމަކުރައްވާފައިވަނިކޮށެވެ.

އެމެރިކާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް އާ ވައިޓް ހައުސްގައި މިއަދު ބައްދަލުކުރައްވާއިރު މިމައްސަލާގައި އެމެރިކާގެ ކަންބޮޑުވުންތައް ފާޅުކުރައްވާނެއެވެ.

ޕާކިސްތާނުގެ މަސްއޫލުވެރިންވެސްވަނީ މިމައްސަލާގައި އެމެރިކާގެ ކަންބޮޑުވުންތަކަށް ޕާކިސްތާނުން ރިޢާޔަތް ނުކުރާނެ ކަމާއި މިކަމާގުޅިގެން އެމެރިކާ ކުރިމަތިކުރާ އެއްވެސް ފިއްތުމެއްވެސް ޕާކިސްތާނުން ގަބޫލު ނުކުރާނެކަން ނަވާޒް ޝަރީފް، އެމެރިކާގެ ރައީސް އޮބާމާއަށް ދަންނަވާނެކަން ކަށަވަރުކޮށް ދެއްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މިހާރު އުޅުއްވަނީ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، މިއަދު ނަވާޒް ޝަރީފް އާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގެ ވާދަވެރި އިންޑިޔާއަކީވެސް ނިއުކްލިއަ ހަތިޔާރު އުފައްދައި އެ ހަތިޔާރު ތަޖްރިބާކޮށްފައިވާ ގައުމެކެވެ. އަދި ނިއުކްލިއަ ކުދި ބޮން (ނިއުކްލިއަ ޓެކްޓިކް ހަތިޔާރު) އުފެއްދުމުގެ ޕްރޮގްރާމެއްވެސް އިންޑިޔާއިން ކުރިޔަށްގެންދާކަމަށް ވެއެވެ. މިފަދަ ހަތިޔާރަކީ ބޮޑުބަޑީގައާއި މިސައިލާއި ރޮކެޓްގައި ހަރުކުރުމަށްފަހު ދުރަށް ފޮނުވާލެވޭގޮތަށް ތައްޔާރުކުރާ ނިއުކްލިއަ ވޯހެޑް އެވެ. މިފަދަ ހަތިޔާރު އުފައްދާނަމަ އެތަކެތި ބޭނުންކުރުމުގެ ފުރްސަތު ބޮޑުވާނެކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް މިބާވަތުގެ ނިއުކްލިއަ ކުދި ބޮން ނުވަތަ ނިއުކްލިއަ ޓެކްޓިކް ހަތިޔާރު އެންމެ ގިނައަދަދަކަށް އުފައްދާ ގައުމަކީވެސް ޚުދު އެމެރިކާއެވެ.

އެމެރިކާއަކީ އެގައުމަށް ނިއުކްލިއަ ހަތިޔާރު ބޭނުންއަދަދަކަށް އަދި ބޭނުން ސައިޒަކަށް އުފެއްދުމުގެ ފުރްސަތު ދީފައި އެހެންގައުމަކަށް މިފުރްސަތު ދިނުމަށް ދެކޮޅުހަދާ އަމިއްލަ އެދުމުގެ ވިސްނުން ގެންގުޅޭ ގައުމެކެވެ. އެމެރިކާގެ ނިއުކްލިއަ ސްޓޮކްގައި އެތަށް ހާސް ނިއުކްލިއަ ހަތިޔާރެއް ހުރި ނަމަވެސް އެހެން ގައުމަކުން އެންމެ ނިއުކްލިއަ ބޮމެއް އުފެއްދުމަކީވެސް ބޮޑު ޖަރީމާއެއްކަމަށް އެމެރިކާ ދެކެއެވެ.

ޕާކިސްތާނުގެ ނިއުކްލިއަ ސްޓޮކްގައި 300 އަށްވުރެ ގިނަ ނިއުކްލިއަ ހަތިޔާރު ހުރިކަމަށާއި އިންޑިޔާގެ ނިއުކްލިއަ ހަތިޔާރުގެ ސްޓޮކް މިއަށްވުރެ މަދުކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)