22 Oct 2015, 15:45
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ގޭގައި މަޑުކުރަން އަންގައިފި އެވެ.
މިނިސްޓަރު މުންދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮފީހަށް ނުނުކުތުމަށް އަންގަވާފައިވާ ކަމަށެވެ.
އެ އެންގެވުމާ ގުޅިގެން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް މުންދު ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއާ އެކު މަސައްކަތް ކުރަން ލިބުމަކީ ޝަރަފެއް ކަމަށެވެ.
Was asked not to report to work on Sunday. Decided to tend my resignation. Honour and pleasure to have worked in President Yameen's Cabinet.
— Mohamed H. Shareef (@mundhu_maldives)October 22, 2015
މުންދު ގޭގައި މަޑުކުރަން އެންގި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހަކުން ކޮމެންޓެއް ނުކުރި އެވެ.
މުންދު ގޭގައި މަޑުކުރަން އަންގާފައި ވަނީ ޗައިނާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މިއަދު އޮފީހަށް ނުކުންނެވުމުންނެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮވި ހާދިސާއަށް ފަހު، ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވެސް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރުންނާއި ކޯޑިނޭޓަރުން ވެސް ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ.