30 Mar 2011, 15:39
ދައުލަތުގެ މުވައްޒިފުންގެ މުސާރަ އާއި އިނާޔަތްތުގެ ސިޔާސަތު ކަނޑައެޅުމަށް ޕޭ ކޮމިޝަނެއް އުފައްދަން ޖެހޭ ގޮތަށް ހުށަހެޅި، ދައުލަތުގެ މުސާރައިގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ބަލައިގެންފި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ބިލް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެ ވަގުތު ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 54 މެންބަރުން ބިލު ބަލައިގަތުމަށް ވޯޓު ދެއްވި އެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
އެ ބިލަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، މިއީ މުހިއްމު ބިލެއް ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ މުވައްޒިފުންގެ މުސާރަ އާއި އިނާޔަތްތައް ވަކި މުއައްސަސާއަކުން ކަނޑައަޅަމުންގެންދާ ނަމަ އެކަންތައް ރަނގަޅަށް ބަލައި މުރާޖައާ ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، މިފަދަ ކޮމިޝަނެއް އުފައްދާއިރު، ސިވިލް ސާވިސް މުވައްޒިފުންނާއި އެހެން މުސްތަގިއްލު މުއައްސަސާތަކުގެ މުވައްޒިފުންގެ މުސާރައިގެ ތަފާތުތައް ބަލަން ޖެހޭނެ ކަމަށެވެ.
"ސިވިލް ސާވިސްގައި މަސައްކަތްކުރާ ސެކްރެޓަރީންގެ މުސާރަ 4000 ރުފިޔާ އަށް ވެފައި ޖުޑިޝަރީގައި މަސައްކަތްކުރާ ސެކްރެޓަރީގެ މުސާރައަކީ، 11،000 ރުފިޔާ އަށްވާއިރު އެފަދަ ކޮމިޝަނަކުން އެ ކަންތައްތައް ވެސް ބަލަން ޖެހޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
ބިލެއްދޫ ދާއިރާގެ އަހްމަދު ހަމްޒާ ވިދާޅުވީ މި ބިލަކީ މުހިއްމު ބިލެއް ނަމަވެސް، ރައްޔިތުން ހާލުގައި ޖެހިފައި ތިއްބައި، އެކި ކަންކަމަށް ކޮމިޝަންތައް ހަދައި އެ ކޮމިޝަންތަކަށް އެތައް ފައިސާއެއް ހަރަދު ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ވަގުތެއްގައި އިތުރު ކޮމިޝަނެއް ހަދައިގެން ފައިސާ ހަރަދު ކުރުމަށް ވުރެ، ޑޮކްޓަރަށް ނުދެއްކި ތިބި ރައްޔިތުންނަށާއި ކިޔެވޭނެ ގޮތް ނެތް ރައްޔިތުންނަށް އެ ފައިސާ ހަރަދުކުރުން މާ މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލް ހުށަހެޅުއްވި ނަޝީދު ވިދާޅުވީ، މި ބިލްގެ އެއް މަގުސަދަކީ ދައުލަތުގެ ބަޖެޓުން މުސާރަދޭ، ދައުލަތުގެ މުވައްޒިފުންނަށް އިޖްތިމާއީ އަދާލަތުގެ ތެރޭން އިގްތިސާދީ ހަގީގަތްތަކުގެ ތެރޭގައި ކަންކަން ވާނެގޮތް ހަމަޖައްސައިދިނުން ކަމަށެވެ. އަދި މި ބިލަކީ ވަކި މީހެއްގެ މުސާރަ ބޮޑުކޮށް، ވަކި މީހެއްގެ މުސާރަ ކުޑަކުރުމަށް ހުށަހެޅި ބިލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ބިލަކީ އެންމެންގެ މުސާރަ އެއްތަނަކަށް އެއްކޮށް އެއާދޭތެރޭ ފުރިހަމަކޮށް ބަލާލެވި ކަނޑައެޅިފައިވާ މިންގަޑުތައް މުރާޖައާކުރެވި އެއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ނަމަ އެ ބަދަލުތައް ހުށަހަޅައިދީ އެ މުސާރަތަކަކީ ރެޝެނަލައިޒް ކުރެވިގެންވާ މުސަރަތަކަކަށް ހެދުމަށް ޕްރޮފެޝަނަލް ބަޔަކާ ހަވާލު ކުރުމުގެ އޮނިގަނޑެއް ގާއިމްކޮށްދޭ ބިލެއް. މުސާރަ ހަމަޖެއްސުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކަށް އޮތް ގާނޫނީ ބާރަކަށް މިބިލުން ވެސް ހުރަހެއްނޭޅޭނެ. ބޭނުމަކީ އެބާރުތައް ނިގުޅައި ނުގަނެ އެބާރުތައް ތަންފީޒު ކުރަމުންދާ ގޮތް ދައްކައިދިނުން." ނަޝީދު ވިދާޅުވި އެވެ.