އެމެރިކާގެ ނިއުޔޯކްގައި ބާއްވާ މެދު އިރުމައްޗާ ބެހޭ ބަހުސެއްގައި ރާއްޖޭގެ ފަރާތުން ބައިވެވަޑައި ގެންނެވުމަށް ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދު އިއްޔެ ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ބުނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެ ބަހުސަކީ މިނިސްޓަރުންގެ ފެންވަރުގެ ބަހުސެއް ކަމަށާއި އެ ބަހުސްގައި ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާނެ ކަމަށެވެ. ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މަނުއަލް ރިޔާސަތު ބަލަހައްޓަވާ އެ ބަހުސްގެ މަގުސަދަކީ މެދު އިރުމަތީގެ މައްސަލަތަކަށް ހައްލެ ހޯދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބަހުސެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ ފަރާތުން ޑރ. އަލީ ނަސީރު އެ ބަހުސްގައި ބަޔާނެއް އިއްވަވާނެ ކަމަށެވެ.

ރާއްޖެއަކީ ފަލަސްތީނު މީހުންގެ ހައްގުތަކަށް ވަކާލާތު ކުރާ ގައުމެކެވެ. އެގޮތުން 1967ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތް ގާއިމްކޮށްދިނުމަށާއި އެ ދައުލަތުގެ ވެރި ރަށަކަށް ވާން ޖެހޭނީ ގުދުސްކަމަށް ރާއްޖޭން ވަކާލާތު ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.