މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތ. އަތޮޅާއި ލ. އަތޮޅުގައި ފެރީ ދަތުރުގެ ހިދުމަތް ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ އަލަށް ފެށި ހިދުމަތުގެ ދަށުން ޒޯން 5، ތ. އަދި ލ. އަތޮޅުގެ ދަތުރުތައް ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ބާކީ އޮތް ހަ ދުވަހު ކަމަށެވެ. އެގޮތުން ދަތުރުތަކަށް ކޮންމެ އަތޮޅެއްގައި ވެސް މިވަގުތު ބޭނުންކުރާނީ އެއް ފެރީ ކަމަށާއި ނަމަވެސް ކުރިއަށް އޮތްތާގައި ފެރީ އިތުރުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ޒޯން 5ގެ ދަތުރުތައް ކުރިއަށް ދާނީ ކޮންމެ އަތޮޅެއް ދެ ސެކްޓަރަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގެ ކޮންމެ ސެކްޓަރެއްގައި ދަތުރުތައް ކުރިއަށް ދާނީ ދެ ދުވަހުން އެއް ދުވަހު ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ފެރީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ އެމްޓީސީސީ

ތ. އަތޮޅާއި ލ. އަތޮޅުގެ ފެރީ ދަތުރުތަކަށް ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ނަގާނީ 22 ރުފިޔާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ތިން މަސް ފަހުން ތ. އަތޮޅާއި ލ. އަތޮޅު ގުޅުވައިދޭ ފެރީ ހަފްތާއަކު އެއް ދުވަހު ދަތުރުކުރާ އުސޫލުން ހިދުމަތްދޭން ފަށާނެ ކަމަށާއި ލ. އަތޮޅުގައި މަގުހަދާ ނިމޭ އިރު، އަންނަ އަހަރު ކުރީކޮޅުގައި އެ އަތޮޅުގައި އެއްގަމު ބަސްދަތުރު ފަށާނެ ކަމަށް ވެސް އެމްޓީސީސީ އިން މައުލޫމާތުދެ އެވެ.

މިވަގުތު އެމްޓީސީސީ އިން ރާއްޖޭގެ ހަ އަތޮޅެއްގައި ފެރީގެ ހިދުމަތް ދެމުންގެންދެ އެވެ. އެއީ ކ. އއ. އދ. ވ. އަދި ތ. އަތޮޅެވެ.