22 Oct 2015, 15:21
ނޫސްވެރިންގެ މަސައްކަތަށް ތަކުރާރުކޮށް ހުރަސް އަޅަމުން ދާތީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅެމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
މީޑިއާ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްސީގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ގިނަ ދަތި ތަކެއް ކުރިމަތިވާއިރު މަރުގެ އިންޒާރު ވެސް ނޫސްވެރިންނަށް ދެމުންދާ ކަަމަށެވެ.
"ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާ ކުރާއިރު ނޫސްވެެެރިންނަށް އަންނަނީ އެކި ކަހަލަ އުނދަގޫތަކާ ކުރިމަތި ވަމުން. ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުމުގެ ކަންތައް ކުރަމުން އަންނަނީ ތަކުރާރުކޮށް ކުރަމުން،" މޮންދު ވިދާޅުވިއެވެ.
މޮންދު ވިދާޅުވީ މިއަހަރު ވަނީ އެފަދަ ހަތަރު މައްސަލައެއް މިހާތަނަށް އެ ކައުންސިލަށް ހުށަހަޅާފައި ކަމަށާއި އެ މައްސަލަތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ ގ. ދޫވެހި ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނަށް ހުރަސް އެޅި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އާންމު ތަންތާނގައި މީހުން ނުކުމެހަދާ ތަންތަނަށް ވެސް ނޫސްވެރިންނަށް ނުވަދެވޭ ގޮތް ހަދަމުންދާ ކަމަށެވެ. އެކަމަކީ މީޑިއާ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށާއި ކަމާބެހޭ ފަރާތްތަކުން ނޫސްވެރިނަށް ފަހި ގޮތްތަކެއް ތަނަވަސްކޮށްދެއްވުމަށް އޭނާ ގޮވާލެއްވި އެވެ.
"އަތުގައި ކެމެރާއެއް އޮތުމުން ނުވަތަ ނޫސްވެރިއަކަށް ވުމުން ނޫސްވެރިންނަށް ބައެއް އެއްވުންތަކަށް ވެސް ނުވަދެވޭ ގޮތް އެބަވޭ. ހާއްސަކޮށް ނޫސްވެރިންނަށް ތައްޔާރުކޮށްފައިވާ ސަރަހައްދުތަކަށް ވެސް ނުވަދެވޭ ގޮތަށް އެއްބައި ފަހަރަށް އެބަ ހަދާ. އެހެން ވުމާއެކު ނޫސްވެރިންނަށް ލިބިގެންވާ މިނިވަންކަމާ ހައްގުތައް އެބަ ގެއްލޭ،" އޭނާ ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ނޫސްވެރިންގެ ހައްގު ގެއްލޭ ފަދައިން ބަޔަކު މަސައްކަތް ކުރާ މައްސަލައަކީ ބެލެން ޖެހޭނެ ކަންތައްތައް ކަމަށެވެ. ނޫސްވެރިންނަށް ބިރު ދައްކައި އިންޒާރު ދެމުންދާ މައްސަލާގައި ހަތަރު ފަހަރެއްގެ މަތިން ފުލުހުންނާ ބައްދަލުކޮށް، އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.