ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު ރާއްޖޭގައި އަޅުއްވައިދެއްވާ 10 މިސްކިތުގެ ތެރެއިން ތިން މިސްކިތެއް އަޅާނެ ރަށްތައް ކަނޑައަޅައި އެ މިސްކިތްތަކުގެ މަސައްކަތް މިއަދު ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު ހަވާލުކުރީ ޅ. ނައިފަރުގައި އަޅާ 900 މީހުންގެ ޖާގައިގެ މިސްކިތަކާއި ހދ. ނައިވާދޫގައި އަޅާ 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ގއ. ވިލިނގިލީގައި އަޅާ 700 މީހުންގެ ޖާގައިގެ މަސައްކަތެވެ. ޅ. ނައިފަރުގައި އަޅާ މިސްކިތް 9.1 މިލިޔަން ރުފިޔާގެ އަގަކަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ މާލާ ހައިރައިޒް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ހދ. ނައިވާދޫގައި އަޅާ މިސްކިތާއި ގއ. ވިލިނގިލީގައި އަޅާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ދެމިސްކިތުގެ ތެރެއިން ގއ. ވިލިނގިލީގައި އަޅާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ އަށް މިލިޔަން ރުފިޔާގެ އަގަކަށް، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ހދ. ނައިވާދޫގައި އަޅާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ 6.8 މިލިޔަން ރުފިޔާގެ އަގަކަށް 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަސައްކަތްތައް ހަވާލުކުރީ އިސްލާމިކް މިނިސްޓްރީގައި މިއަދު އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޒިޔާދު ބާޤިރު އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަޢުދީ ރަސްގެފާނުގެ ހިލޭ އެހީގައި އަޅާ މިސްކިތްތަކުގެ ތެރެއިން ބާކީ ހުރި ދެ މިސްކިތުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

އަދި މިސްކިތްތައް އެޅުމުގެ އެ މަޝްރޫއަށް ޖުމްލަ 70 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ހަރަދުގައި މިހާރު 17 މިސްކިތެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ ކަމަށް 87 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފަސް ރަށެއްގެ ފަސް މިސްކިތެއްގެ މަސައްކަތް މިއަހަރު ނިމި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެ ރަށްތަކަކީ ކ.ގާފަރު، ތ. ގާދިއްފުށި، ލ. މާވަށް، ކ.ގުރައިދޫ އަދި ހދ. މަކުނުދޫ އެވެ.