ވަގަށް ނަގާފައި ކަމަށް ބެލެވޭ ބައިލައްކަ ރުފިޔާ އާއި ރިހި ގަހަނާތަކަކާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އެތަނުން އެކެއްގެ އަތުން ވަގަށް ނަގާފައި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ރިހި ފަށާއި ފަށު ފޫ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަތުން ސެމްސަންގް ޑުއޮސް ފޯނަކާއި ނޮކިޔާ ބައްތި ފޯނެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ތެރެއިން އެކެއްގެ ވޮލަޓުން 51000 ރުފިޔާ އާއި ޔޫއެސް ޑޮލަރާއި ރަޝިޔާގެ ފައިސާ އާއި ސްރީލަންކަން ރުޕީސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، އެ ދެ މީހުން ފުލުހުން ރޭ ހައްޔަރުކުރީ ޕީޓްރަލް ހޮޓާ ހިމެނޭ ސަރަޙައްދުންނެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި 25 އަހަރުގެ މީހާ އަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމް އާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާއަކީ ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހުއްޓާލާފައި ވާތީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ޓަކައި ހޯދަމުންދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކާވީސް އަހަރުގެ މީހާއަކީ މަސްތުވާ ތަކެއްޗާއި ވައްކަމުގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ އިތުރުން ފޭރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.