22 Oct 2015, 14:37
އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާއަށް ހުށަހަޅައި "ހުއްދަ ހޯދާފައި ނުވާތީ" މިރޭ ބާއްވަން އުޅޭ އެފްއޭއެމްގެ އިންތިހާބު ބޭއްވޭނެ ކަމަށް ނުފެންނަކަމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ލަފާ ދީފި އެވެ.
ޔޫތު މިނިސްޓްރީގެ އެދުމަކަށް އެޓާނީ ޖެނަރަލްގެ އޮފީހުން ދީފައިވާ ލަފާގައި ބުނެފައި ވަނީ ޖަމިއްޔާއެއްގެ އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކަށް އަމަލު ކުރަން ޖެހޭނީ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާއަށް ހުށަހަޅައި އެ އިސްލާހުތަކަށް "ހުއްދަ" ލިބުމުން ކަމަށެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އޭޖީއިން މިގޮތަށް ލަފާ ދީފައިވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދާއާއި ޖަމިއްޔާ ތަކާ ބެހޭ ގަވައިދުގެ 19 ވަނަ މާއްދާއަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދަގައި ބުނެފައިވަނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދާއި ޖަމިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަމިއްޔާގެ އާންމު ޖަލްސާއެއްގައި ފާސް ކުރާ ހާއްސަ ގަރާރަކުން ޖަމިއްޔާގެ ހިންގާ ގަވައިދަށް ގެންނަން ކަނޑައަޅާ ބަދަލަކަށް ޖަމިއްޔާގެ ރަޖިސްޓްރާގެ ހުއްދަ ލިބުމުން ޖަމިއްޔާގެ ހިންގާ ގަވާއިދަށް ބަދަލު ގެނެވިދާނެ ކަމަށެވެ.
ޖަމިއްޔާތަކާ ބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ ޖަމިއްޔާގެ ގަވާއިދަށް ގެންނަ ބަދަލުތައް ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި އެބަދަލުތައް އެނގޭނެހެން ތައްޔާރުކޮށްފައިވާ ޖަމިއްޔާގެ ހިންގާ ގަވާއިދުގެ ދެ ކޮޕީއާއި ބަދަލު ގެންނަން ފާސްކުރި ގަރާރުގެ އަސްލާ އެއްގޮތް ކޮޕީ ޖަމިއްޔާގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނެ ކަމަށެވެ.
އޭޖިއިން މިގޮތަށް ލާފާ ދީފައިވާއިރު އެފްއޭއެމްއިން ބުނެފައިވަނީ އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ފާސްކުރުމަށް މިދިޔަ މަހު ފަސް ވަނަ ދުވަހު ބޭއްވުނު ކޮންގްރެސް ބާއްވާފައި ވަނީ، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އިސްހާޤް އަޙްމަދާއި ޔޫތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ އޮފިޝަލުންގެ ހާޒިރުގައި ކަމަށާއި ނަމަވެސް އެދުވަހު އެއްވެސް މައްސަލައެއް ފެންމަތި ކޮށްފައި ނުވާކަމަށެވެ.
އަދި މިވަގުތު އެ އެސޯސިއޭޝަންގެ ކޮންގްރެސް ބޭއްވުމަށް ހޯމް މިނިސްޓްރީން އެއްބާރުލުން ނުދިނުމަކީ އެފްއޭއެމްއިން ކަންބޮޑުވާ ކަމެއް ކަމަށްވެސް އެފްއޭއެމްއިން މިއަދު ނެރުނު ބަޔަނުގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ސަންއަށް ވިދާޅުވީ އެފްއޭއެމްގެ އިންތީޚާބާ ގުޅިގެން އެކި ފަހަރު ދައްކާފައި ހުރި ވާހަކަތައް ތަފާތު ކަމަށާއި ފުރަތަމަ ވިދާޅުވެފައި ވަނީ އެފްއޭއެމްއާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް ހުރުމުން އެފްއޭއެމްގެ އިންތިޚާބު ފަސް ކުރަންޖެހޭނެ ވާހަކަ ކަމަށެވެ.
"އިންތީޚާބުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަން އެފްއޭއެމްއިން ވާނީ ފުރިހަމަކޮށްފައި. ދެން އުޒުރެއް ދެއްކިދާނެ ދެއްތޯ. މިހާރު މީގެ އެންމެ ކަންބޮޑުވާ ކަމަކީ ސެޕްޓެމްބަރު ފަހެއްގައި އަޅުގަނޑުމެން ބޭއްވި ކޮންގްރެސް އައި އިރުގައި ލިޔެކިޔުންތައް ހުށަނާޅާ ވާހަކައެއް ނާދޭ. އިންތިޚާބީ ކޮންގްރެސްއަކަށް އައީމަ އެބައިވެސް އެބަ އާދޭ. ގާނޫނުގައި ބުނާ ގޮތުން ކަމުގައި ވާނަމަ ފާސް ކުރެވުނު އަސާސީ ގަވާއިދު މިޖެހުނީ ހުއްދަ ހޯދުމަށް ހުށަހަޅަން. ހުށަހަޅާފައި އަޅުގަނޑުމެން ވާނީ. އިންތީޚާބަށް ނުފޫޒު ފޯރުވުމަށް ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، ފީފާ އާއި އޭއެފްސީގެ ސްޓޭންޑަކީ އިންތީޚާބު ކުރިއަށް ގެންދިއުން ކަމަށާއި އެހެންކަމުން އެފްއޭއެމުން އިންތީޚާބު ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި މިރޭ އިންތީޚާބު ނުބާއްވައިފިނަ ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފީފާއިންނާއި އޭއެފްސީން އަންގާފައިވާ ކަމަށް އެފްއޭއެމްއިން ބުނެއެވެ.