ބިދޭސީން ގެންނަ އެޖެންސީތައް ރަޖިސްޓްރީ ކުރެވޭނީ 200،000 ރުފިޔާގެ ޑިޕޮސިޓެއް ދައްކައިގެން ކަމަށް، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހަށް ވޯޓަށް އެއްސެވުމުން، ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 30 މެންބަރުން އެ އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވި އެވެ. އިސްލާހަށް ތާއީދު ނުކުރާކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ.

ބައެއް މެންބަރުން ވިދާޅުވީ، ރާއްޖެ އިން ބިދޭސީން ބޭރު ކުރުމަށް މުހިއްމު ކަންތައްތަކެއް އެ އިސްލާހުގައި ހުރި ނަމަވެސް، އެ އިސްލާހުގެ ސަބަބުން މެދުފަންތީގެ ވިޔަފާރި އަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެ ކަމަށެވެ.

ބިލެއްދޫ ދާއިރާގެ އަހްމަދު ހަމްޒާ ވިދާޅުވީ، އެޖެންސީތަކުން މިހާރު ދައްކަން ޖެހޭ 30،000 ރުފިޔާގެ ބަދަލުގައި 200،000 ރުފިޔާގެ ޑިޕޮސިޓެއް ދައްކަން ޖެހޭ ގޮތަށް އެ އިސްލާހުގައި އޮތުމަކީ މެދުފަންތީގެ ވިޔަފާރި މަރާލުން ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަކީ ރާއްޖޭގެ ތަރައްގީގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ބައެއްކަން ފާހަގަކުރައްވައި ހަމްޒާ ވިދާޅުވީ، ވަޒީފާ އަށް ބިދޭސީ މީހާ ގެންނަ އިރު ޑިޕޮސިޓްގެ ގޮތުގައި އެ މީހެއްގެ އެއްކޮޅު ޓިކެޓަށްވާ ފައިސާ، ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް އިސްލާހުގައި ހިމަނާފައި ވާތީ ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްޗަގޮޅި އުތުރު ދާއިރާގެ މާރިޔާ އަހުމަދު ވިދާޅުވީ، އެ އިސްލާހަތަކަކީ ބިދޭސީން ބޭރުކުރުމުގެ މާތް މަގުސަދުގައި ހުށަހަޅާފައިވާ އިސްލާހެއް ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނެއްގައި ބިދޭސީންނާއި ދިވެހިންނާ ތަފާތުވާ ގޮތަށް ގާނުނެއްގައި ލިއުމަކީ ގަބޫލު ކުރައްވާ ކަމެއްނޫން ކަމަށެވެ. ރާއްޖެ އަށް ބޭރު މީހުން މަސައްކަތްކުރަން ގެންނަ ނަމަ އެ މީހުންނާ ދޭތެރޭގައި އަމަލުކުރަން ޖެހޭނީ ދިވެހިންނާ އެއް އުސޫލަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ބިދޭސީން މަދުނުވެގެން އުޅެނީ ގާނޫނުތައް ނެތިގެންނޫން ކަމަށެވެ. އަދި އެކަމަކީ ހެދިފައިވާ ގާނޫނުތައް ތަންފީޒު ނުވެގެން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި އެކަމުގެ އަސްލު މައްސަލައަށް ވާސިލްވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.