22 Oct 2015, 15:02
އެމްޑަބްލިއުއެސްސީގެ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން، ގްރޭޑް އަށަކާއި ހަމައަށް ކިޔަވާފައި ތިބި ޒުވާނުންނަށް ވަޒީފާ ދިނުމަށް އެ ކުންފުނިން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
އެ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު އެމްޑަބްލިއުއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ވީހާވެސް ގިނަ ޒުވާނުންނަށް ވަޒީފާތައް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ފަޒުލް ވިދާޅުވީ ހަ މަސްދުވަހަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ތެރެއިން އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް އާއި އެހެނިހެން ދާއިރާތަކަށް ޒުވާނުން ތަމްރީނުކުރާނެ ކަމަށެވެ. އަދި ތަމްރީނު ހޯދުމަށްފަހު ވަޒީފާ ލިބޭ ޒުވާނުންނަކީ އެ ކުންފުނީގެ ދާއިމީ މުއައްޒަފުންނަށް ހަދާނެކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުންފުނީގެ ހުރިހާ ދިމާލެއްގެ ތަމްރީނުތަކެއް މި ކުދިންނަށް ފޯރުކޮށްދޭނަން. އަދި އަޅުގަނޑުމެން ހާއްސަކޮށް ކަސްޓަމާ ސާވިސްގެ އެކި ޑިޕާޓްމަންޓް ތަކަށް ކުދިން ސެލެކްޓްކޮށް އެކުދިންނަށް ކުންފުނީގެ ދާއިމީ ވަޒީފާ ޔަގީންކޮށްދޭނަން،" ފަޒުލް ވިދާޅުވި އެވެ.
ޕްރޮގްރާމް ފެށުމުގެ ގޮތުން ނަން ނޯޓްކުރުމާއި މައުލޫމާތު ދިނުމުގެ ސެޝަނެއް އެ ކުންފުނިން މާދަމާ ހަވީރު 4:00 އިން ފެށިގެން 6:00 އާ ހަމައަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ އެވެ.