22 Oct 2015, 14:21
ސުނާމީ ބިނާ ބަދަލުކުރަން ހަމަޖައްސާފައި ވަނީ ތިއްރުއް ޕާކަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމެންޓުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ޑިޕާޓްމެންޓްގެ ޑިރެކްޓާޖެނެރަލް މުހައްމަދު އަފީފު ވިދާޅުވީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ސުނާމީ ބިނާ ތިން ރުއް ޕާކަށް ބަދަލުކޮށް ނިމޭނެ ކަަމަށެވެ.
އޭނާ ވިދާޅުވީ ސުނާމީ ބިނާ ހުރި ސަރަހައްދު ބަދަލުކުރުން ލަސްވަނީ ތިން ރުއް ޕާކުގައި ކުރަންޖެހޭ މަސައްކަތެއް ނުކުރެވިގެން ކަމަށެވެ.
" އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އަޅުގަނޑުމެން ސުނާމީ ބިނާ ހުރިތަނުން ނެގުމުގެ މަސައްކަތް ކުރާނަން،" އަފީފު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގަ އޮތް ޕްރެސްކޮންފަރެންސްގައި ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު (ކ ދެވަނަ އަށް ) އަދި ޕަބްލިކް ވޯކްސްގެ ޑިރެކްޓާޖެނެރަލް މުހައްމަދު އަފީފު (ކ) -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ހައުސިން މިނިސްޓްރީން މަސައްކަތްކުރަމުން ދިޔައީ މިމަސް ނިމުމުގެ ކުރިން ސުނާމީ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށެވެ.
ސުނާމީ ބިނާ ހުރި ސަރަހައްދުން ބަދަލުކުރަނީ މާލެ ހުޅުމާލެ ބްރިޖް މާލެއިން ގުޅުވައިދޭނެ ސަރަހައްދަކީ އެއީ ކަމަށްވާތީއެވެ.
ސުނާމީ ބިނާ އަކީ ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގައި ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ރަމްޒީ ބިނާއެކެވެ.