ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސް އިން ފާއިތުވި ދެއަހަރުތެރޭ 300 މިލިއަން ރުފިޔާގެ އަގު ހުރި މަސައްކަތް ކޮށްފައިވާ ކަމަށް ޕަބްލިކް ވޯކްސް އިން ބުނެފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގައި އޮތް ޕްރެސްކޮންފަރެންސެއްގައި ވާހަކަދައްކަމުން އެ ޑިޕާޓްމެންޓްގެ ޑިރެކްޓާޖެނެރަލް މުހައްމަދު އަފީފު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ގިނަ މަސައްކަތްތަކެއް ފާއިތުވި ދެ އަހަރު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް ބައެއް މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ސަރުކާރުން ވިޔަފާރި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރުވާނަމަ އަޅުގަނޑުމެން ދެންމެ މި ހުށަހަޅާލި މަސައްކަތަށް ވެސް ގާތްގަނޑަކަށް 300 މިލިއަނަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެ،" އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ ޕަބްލިކް ސާވިސް އިން މަސައްކަތްތައް ކުރުމުން "މުވައްޒަފުންނަށް ހިނގާ މުސާރައާއި ދެން އެ މަސައްކަތަކަށް ބޭނުންވެގެން ހޯދާ ތަކެއްޗަށް ހިނގާ ޚަރަދުފިޔަވާ އިތުރު އެއްވެސް ޚަރަދެއް ނުހިނގާނެ" ކަމަށެވެ.

އެ ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ ޕަބްލިކް ވޯކްސް އިން ރާއްޖޭގެ ހުރިހާ ދިމާއެއްގައި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައްް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޑިޕާޓްމެންޓުން ކޮށްފައިވާ މަސައްކަތްތައްކުގެ ތެރޭގައި ބަނދަރު މަރާމާތް ކުރުމާއި ފަޅު ފުންކުރުމާއި ނަރުދަމާގެ މަސައްކަތްތައް ހިމެނޭ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.

މީގެ އިތުރުން މިނިވަން 50 އާއި ގުޅިގެން މާލޭގެ ވަށާތޮށި މަރާމާތު ކުރުމާއި މާލޭގެ އާއްމުތަންތަން ޒީނަތްތެރިކުރުން ހިމެނޭ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.

އަދި މިނިވަން 50 އަށް ޓީޖެޓީ ސަަރަހައްދާއި އާޓިފިޝަލް ބީޗް މަރާމާތުކުރުން ހިމެނޭ ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ.