22 Oct 2015, 14:13
ހަކަތަ އުފެއްދުމަށް ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތެލުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަސް އަތޮޅެއްގައި އަވިން ހަކަތަ އުފައްދާ ނިޒާމުތަކެއްގެ މަސައްކަތްތައް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ޝީ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގެ ބޮޑު ބައެއް ތެލަށް ހަރަދުވާކަމަށާއި، އުމްރާނީ އަދި ތަރައްގީގެ މަސައްކަތްތަކަށް ބޭނުންކުރެވެން ހުރި ބޭރުފައިސާ ވެސް ދަނީ އެކަމަށް ހަރަދުކުރެވެމުން ކަމަށެވެ.
އެހެންކަމުން ރާއްޖޭން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދީގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ފެންވަރު ރަނގަޅު އެނާޖީ ސޭވިން ސިސްޓަމްތަކަށް މީހުން ހޭލުންތެރިކޮށް، ގިނަ ކަންކަމަށް އަވިން އުފައްދާ ހަކަތަ ބޭނުންކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކަށާއި އަމިއްލަ ފަރާތްތަކަށް އަދި ވަކިވަކި ފަރުދުންނަށް އެނާޖީ އެފިޝަންޓް އާލާތްތައް ފޯރުކޮށްދިނުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުތެރޭގައި ވެސް 270000 ލެޑް ހޮޅިބުރި ފޯރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސްޓެލްކޯ އިން ކަރަންޓް އުފެއްދުމަށް ޓަކައި ގަންނަ ތެލަށް ކޮންމެ ދުވަހަކު 2.7 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
އެ ގޮތުން ކޮންމެ ދުވަހަކު ވެސް އެސްޓީއޯގެ ތެޔޮ ޓޭންކްތައް ހުންނަ ފޮނަދޫ އިން 240،000 ލީޓަރުގެ ޑީސަލް ގެންނަ ކަމަށާއި ކަރަންޓް އުފެއްދުމަށް ޓަކައި ކޮންމެ ދުވަކު ވެސް 230،000 ލީޓަރުގެ ޑީސަލް ބޭނުންކުރާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެއީ ކޮންމެ ދުވަހަކަށް 1150 ފީފާގެ ތެލެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫސިޓީގައި 1.6 މެގަވޯޓްގެ ސޯލާ ޕެނަލް ހޮޅިބުރި މަގުތަކުގައި ހަރުކުރާނެ އެވެ. އޭގެ އިތުރުން ގއ. ވިލިގިއްޔާއި ބ. ގޮއިދޫ އާއި ޅ. ކުރެންދޫ އަދި ތ. ބުރުނީގައި ވެސް އެފަދަ ހޮޅިބުރިތައް ހަރުކުރާނެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން 2.5 މެގަވޯޓްގެ ސޯލާ ޕެނަލްތައް އެ ރަށްރަށުގައި ހަރުކުރާނެ އެވެ.