22 Oct 2015, 12:05
ޖަރުމަންގެ ކުރީގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަދި 2006 ވަނަ އަހަރު އެގައުމުގައި ބޭއްވި ވޯލްޑް ކަޕް އިންތިޒާމް ކޮމިޓީގެ ޗެއާމަން ފްރެންޒް ބެކެމްބާގެ ކޮރަޕްޝަން މައްސަލަތަކެއްގެ ތަހުގީގު ފީފާގެ އެތިކްސް ކޮމިޓީން ފަށައިފިއެވެ.
ބެކެމްބާއާ ގުޅޭ ކޮރަޕްޝްން ތަހުގީގު ކުރަމުންދަނީ، 2006 ވަނަ އަހަރު ޖަރުމަންގައި ބޭއްވި ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރުމަށް ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ހަތަރު މެންބަރަކަށް ރިޝްވަތު ދިން ކަމަށް ކުރެވޭ ތުހުމަތުގައެވެ.
ފީފާގެ އެތިކްސް ކޮމިޓީއިން ވަނީ ބެކެބާގެ އިތުރުން އެކޮމިޓީއިން ތަހުގީގު ކުރަމުންދާ ދުނިޔޭގެ ފުޓްބޯޅައިގެ ސީނިއާ ދިހަ އޮފިޝަލެއްގެ ނަން އާންމުކޮށްފައެވެ.
އެލިސްޓްގައި ހިމެނޭ އެންމެ ސީނިއާ އެއް އޮފިޝަލަކީ ސްޕެއިން ފުޓްބޯލް ފެޑްރޭޝަންގެ ރައީސް އަދި ފީފާގެ އެއް ނައިބުރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ އެންޖަލް މާރިއާ ވިލަލޯނާއެވެ.
އޭނާގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ރަޝީއާގައި 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕާއި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ބިޑް ކާމިޔާބު ކޮށްދިނުމުގައި ރިޝްވަތު ނަންގަވާފައިވާ ކަމުގެ ތުހުމަތުގައެވެ.
މިލިސްޓްގައި ދެން ހިމެނިވަޑައިގަންނަވާ އެންމެ މަޝްހޫރު ބޭފުޅުންނަކީ ޔުއެފާގެ ރައިސް މިޝޭލް ޕްލެޓްނީއާއި ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ވޯލްކޭގެ މައްސަލައެވެ.
މީގެ ދެ ހަފުތާ ކުރިން ފީފާގެ ހަރަކާތްތަކުން މިދެބޭފުޅުން ވަނީ 90 ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
ލިސްޓްގައި ހިމެނޭ އަނެއް ހަތަރު ނަމަކީ ދާދިފަހުން ސަސްޕެންޑް ކުރި ތައިލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވަރާވީ މަކުޑީއާއި ކޮންކަކަފްއާއި ކޭމަން ޖަޒީރާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިގެ ރައީސް ޖެފްރީ ވެބްއާއި ބްރަޒިލްގެ ފުޓްބޯލް ކޮންފެޑްރޭޝަންގެ ކުރީގެ ރައީސް ރިކާޑޯ ޓެކްޝަރާއާއި ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ނައިޖީރިއާގެ އޭމޯސް އަޑަމޫގެ އިތުރުން ދެކުނު އެމެރިކާ ފުޓްބޯޅަ ކޮންފެޑްރޭޝެންގެ ރައީސްކަން ކުރިން ކުރެއްވި ދެބޭފުޅުންކަމަށްވާ ކޮންމެބެލްގެ ޔޫޖީނިއޯ ފެގްރޭޑޯއާއި ނިކޮލަސް ލިއޯޒްއެވެ.