ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ފްރާންސްގެ ޕީއެސްޖީ އާއި ސެޕެއިންގެ ރެއާލްމެޑްރިޑް ބައްދަލުކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވިއިރު ކަޒަކިސްތާންގެ އެފްސީ އަސްޓާނަގެ މައްޗަށް 4-0 ގެ ނަތިޖާއަކުން ކުރިހޯދައިފި އެވެ.

ގުރޫޕް އޭގައި ރޭ ފްރާންސް ގެ ޗެމްޕިއަން ޕީއެސްޖީގެ ދަނޑުގައި ރެއާލް އާ ދެކޮޅަށް ކުޅުނު މެޗްގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެ ގޮތުން ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ލަނޑަކަށް ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ.

އެ މެޗްގެ 49 ވަނަ މިނެޓްގައި ޕީއެސްޖީގެ މޮއްޓާ ރެއާލް ގެ ގޯލް އޭރިއާތެރެއަށް ހުރަސް ކޮށްލި ނުރައްކާތެރި ބޯޅަ ކަވާނީ އަށް ގޯލަށް އަމާޒް ކޮށްނުލެވި ދަނޑިކައިރިން ދިޔައީ ބޭރަށެވެ.

ޕީއެސްޖީއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗްގައި ރެއާލްގެ މާސިލޯ އަތުން ބޯޅަ ހޯދުމަށް ޕީއެސްޖީގެ ޑި މާރިއާ މަސައްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ރެއާލްއަށް އެ މެޗްގެ ލީޑް ނަގަން ލިބުނު ހުސް ފުރުސަތެއް ވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން 72 ވަނަ މިނެޓްގައި ރެއާލުން އުފެއްދި ކައުންޓާ އެޓޭކެއްގައި ގޯލްއެރިއާ ގެ ވާއަތު ފަޅީގައި ހުރެ ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްކުރިމަތިން ހުރަސްވެ ދަނޑި ކައިރިން ބޭރަށެވެ.

މި ދެ ޓީމް ގުރޫޕް ސްޓޭޖްގައި މީގެ ކުރިން ކުޅުނު ދެ މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ހަތް ޕޮއިންޓާ އެކު ރެއާލަށް ގުރޫޕް 'އޭ'ގެ އެއްވަނަ ލިބެނީ ފައިދާ އެއްގޯލުން ކުރި ލިބިގެންނެވެ.

އެ ގުރޫޕް ގައި ރޭ ކުޅުނު އަނެއް މެޗަގައި ޝަކްތާ ޑޮނެސްކް ގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެން މަލްމޯ އެފްއެފް އޮތީ ތިން ޕޮއިންޓާ އެކީ ތިންވަނާގައެވެ. ތާވަލްގެ ފުލުގައި ޝަކްތާ ޑޮނެސްކް އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ.

އެތްލެޓިކޯ މެޑްރިޑާއި އެސްޓާނާ ރޭ ކުޅުނު މެޗްގައި އެތުލެޓިކޯގެ ފޯވާޑް ޓޯރޭސް ބޯޅަ ހިފައިގެން --- ފޮޓޯ: އޭޕީ

ގުރޫޕް ސީ ގައި ރޭ އެތްލެޓިކޯ މެޑްރިޑް ގެ ދަނޑުގައި ކުޅުނު މެޗް އެސްޓާނާ ކޮޅަށް ހަތަރު ލަނޑު ޖަހައިގެން ތާވަލުގެ އެއްވަނާގައި އެތްލެޓިކޯ މެޑްރިޑް އޮތްއިރު ގަލަސަތަރާއީ އަތުން ބަލިވެ ބެނެފީކާ އޮތީ ދެ ވަނާގައި ހަ ޕޮއިންޓާ އެކީގައެވެ. ބެނެފީކާއަށް ދެ ވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. ގަލަސަތަރާއީ ހަތަރު ޕޮއިންޓާ އެކު ތިންވަނާގައި އޮތް އިރު އެސްޓާނާ ތާވަލުގެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކީގައެވެ.