30 Mar 2011, 14:30
ސާކުގެ ގައުމުތައް ކާގޯ ފެރީގެ ނިޒާމަކުން ގުޅައިލުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވައި އެއް މަސައްކަތް ކަމަށް ސާކުގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޒާ ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
މިހެން އެކަމަނާ މިއަދު ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީަސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދާ އެކު ބައްދަލުކުރައްވައި، ވާހަކަދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތަކާބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި، ރައީސް ނަޝީދާއި ދިޔާނާ މަޝްވަރާ ކުރެއްވި އެވެ.
ރައީސް ވާހަކަފުޅުގައި، ސާކުގެ ގައުމުތަކުގެ މެދުގައި، ދަތުރުފަތުރުގެ ގުޅުމެއް ގާއިމު ކުރުމަށް އެމަނިކުފާނު އިސްނަންގަވައިގެން ހުށަހަޅުއްވާފައިވާ ހުށަހެޅުން ހަގީގަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ރާއްޖޭގައި ބާއްވާ ސާކް ސަމިޓްގައި މިކަމާބެހޭ ހަރުދަނާ އެއްބަސްވުމަކަށް އާދެވި، މިކަމުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ގެންގޮސްދެއްވުމަށް ސާކް ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސް އެދިވަޑައިގެންނެ ވިއެވެ.
ދިޔާނާ ވިދާޅުވީ، ސާކްގެ ގައުމުތަކުގެ މެދުގައި، ކާގޯ ފެރީގެ ނިޒާމެއް ގާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ، އެކަމަނާވެސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށެވެ. އަދި މިކަމުގެ މަޝްވަރާތައް މިހާރު ކުރިއަށް ގޮސްފައިވާ ގޮތުގެ މައުލޫމާތު ރައީސް ނަޝީދަށް އެރުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ސާކާއި، ސާކްގެ ސެކްރެޓޭރިއަޓްގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައުލޫމާތުވެސް އެކަމަނާ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި އެވެ.
ސާކުގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވި އަންހެން ބޭފުޅާ ކަމަށްވާ ދިޔާނާ ސައީދު އެމަގާމާ ހަވާލުވެވަޑައިގަތީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.