22 Oct 2015, 11:49
ދިވެހި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 159.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެއީ ކުރީގެ ކުއާޓަރަށް ވުރެ 38 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ބޭންކުން ބުނި ގޮތުގައި މިދިޔަ ކުއާޓަރުގައި ކޮންމެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 118 ރުފިޔާ ވަނީ ޖެހިފަ އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ނަތީޖާ ހާސިލުކުރެވުނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކުގެ ޚިދުމަތް ދިނުމަށާއި ސެލްފް ސަވިސް ބޭންކިންގް އިތުރަށް ފުޅާކުރުމަށާއި ބްރާންޗްތައް އިތުރަށް ތަރައްގީ ކުރުމަށް މި ކުއާޓަރުގައި ވަރަށް ބޮޑަށް އިންވެސްޓްކުރަމުންދިޔުމާ ވެސް އެކުގައި ކަމަށެވެ.
އެ ބޭންކުން ބުނީ މި އަހަރުގެ މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ 2.2 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ދެގުނަ އިތުރު އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކުގެ ހިދުމަތް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްތައް މި ކުއާޓަގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އެގޮތުން މީހުންދިރިއުޅޭ 140 ވަނަ ރަށަށް ފައިސާ ނެގުމުގެ ޚިދުމަތް ވަނީ ތަޢާރަފްކޮށްފައި ކަމަށް ބުންޏެވެ.