22 Oct 2015, 12:19
ސްކޫލު އަދި ގޭގައި ދަރިވަރުން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އައިލެންޑާސް އެޑިއުކޭޝަން އާއި "ފައުންޑޭޝަން ފޮ އަ ބެޓާ ފިއުޗާ"ގެ ފަރާތުން އިންތިޒާމުކޮށްގެން މަހާސިންތާއެއް ބާއްވަން ނިންމައިފި އެވެ.
"އިނޮވޭޓް އެޑިއުކޭޝަން ސިމްޕޯސިއަމް"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަހާސިންތާ ބާއްވާނީ މި މަހުގެ 31 ގެ ހެނދުނު 9:00 ހަވީރު 5:00 އަށެވެ. އެމަހާސިންތާގައި 250 މީހުންނަށް ބައިވެރިވެވޭނެއެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާގައި އެކި ސްކޫލުތަކުގެ ޓީޗަރުންނާއި ދަރިވަރުންގެ ބެލެނިވެރިން ބައިވެރި ވާނެ އެވެ.
އެ މަހާސިންތާގައި އައިލެންޑާސް އެޑިއުކޭޝަންގެ ސްކޫލުތަކުގައި ކިޔަވައިދިނުމުގައި ބޭނުން ކުރާ ތަފާތު އާ އުކުޅުތައް އެހެން ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް ކިޔައިދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެ އެވެ. އެގޮތުން އެ ފަރާތްތަކުންނަށް ހިލޭ މަސައްކަތު ބައްދަލުވުންތައް ފޯރުކޮށްދީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވެސް ބާއްވާނެ ކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެ އެވެ.
މަހާސިންތާގައި ކުރިއަށްދާ އެހެން ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މާހިރުން، ބެލެނިވެރިންނާއި ޓީޗަރުންނަށް މައުލޫއާ ގުޅޭ ގޮތުން ވާހަކަދެއްކުން ހިމެނެ އެވެ.