22 Oct 2015, 09:56
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ދިރިއުޅުއްވާ ގ. ހުމަށިގޭގެ އިމާރާތުގެ ތިރީގައި ހުންނަ "ސްޓޮޕް އެންޑް ޝޮޕް" ނަމަކަށް ކިޔާ ފިހާރައިގެ ސީސީޓީވީގެ ހާޑު ޑިސްކު ފުލުހުން ގެންގޮސްފި އެވެ.
ފުލުހުން އެ ފިހާރައަށް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. "ސަން" ގެ ނޫސްވެރިން އެ ފިހާރަ ހުންނަ ސަރަހައްދަށް ދިޔަ ވަގުތު ފުލުހުން އެ ފިހާރަ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެނުނެވެ. އަދި ފުލުހުން އެ ފިހާރައަށް ވަން ވަގުތުން ފެށިގެން ކަސްޓަމަރުންނަށް ނުވަދެވޭ ގޮތަށް އެ ފިހާރަ ވަނީ ބަންދު ކޮށްފަ އެވެ. ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔައީ ދޮޅު ގަޑި އިރެއްހާއިރު ފަހުން ނެވެ.

ނައިބު ރައީސް ދިރިއުޅުއްވާ ގޭގެ ތިރީގައި ހުރި "ސްޓޮޕް އެންޑް ޝޮޕް" ފިހާރަ ކައިރީގައި ފުލުހުން މިއަދު ހަރަކާތްތެރިވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ސްޓޮޕް އެންޑް ޝޮޕް" ފިހާރައަށް ފުލުހުން ވަނުމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް މިއަދު ވިދާޅުވީ އެ ފިހާރައަށް ފުލުހުން ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"ސްޓޮޕް އެންޑް ޝޮޕް" ނަމަކަށް ކިޔާ ފިހާރައިގެ ސީސީޓީވީ ހާޑު ފުލުހުން މިއަދު ގެންގޮސްފައިވާ އިރު ރޭ ފުލުހުން ވަނީ ނައިބު ރައީސް އަދީބު ދިރިއުޅުއްވާ، ގ. ހުމަށި ހުންނަ އިމާރާތުގެ ސީސީޓީވީ ފުޓޭޖު ވެސް ގެންގޮސްފަ އެވެ. މީގެއިތުރުން މިިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ ނިސްބަތްވާ ގެއަކުން ވެސް ސީސީޓީވީ ފުޓޭޖު ގެންގޮސްފަ އެވެ.