22 Oct 2015, 09:40
މޮސްކޯ (އޮކްޓޯބަރ 22) : ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި އެމެރިކާއާއި ރަޝިޔާ އާއި ތުރުކީއާއި ސައޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރުންގެ ޚާއްސަ ބައްދަލުވުމެއް މާދަމާ އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ބޭއްވުމަށް ތައްޔާރުވަމުން ދާކަން ރަޝިޔާ އިން ހާމަކޮށްފި އެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާ އިން ބުނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެކަން މިހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ކަށަވަރުކޮށްދެއްވާފައިވާ ކަމުގަ އެވެ. މިއީ ސޫރިޔާގެ މައްސަލަ ސުލްޙަވެރި ގޮތުގައި ހައްލުކުރުމަށް ރަޝިޔާ އިސްނަގައިގެން ހިންގާ ޑިޕްލޮމެޓިކް ހަރަކާތެއްކަމަށް ވެސް ރަޝިޔާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއް ބުނެ އެވެ. ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ރަޝިޔާ އިސްނަގައިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ރައީސް ވްލަޑިމޭރު ޕޫޓިން ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާއަކީ އައިއެސްއާ ހަނގުރާމަ ކުރުމަށް ކަމަށް ބުނެ ދާދިފަހުން އަސްކަރީގޮތުން ސޫރިޔާ އަށް ވަދެގެންފައިވާ ގައުމެކެވެ. ނަމަވެސް އަސްކަރީ ގޮތުން ސޫރިޔާ އަށް ވަދެގަނެގެން ރަޝިޔާ ކުރަމުން ގެންދަނީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ހިމާޔަތް ކުރުމުގެ މަސައްކަތްކަމަށް އެމެރިކާ އާއި ނޭޓޯއިން ތުހުމަތު ކުރެއެވެ. އަނެއްކޮޅުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވަރަށް ކުއްލި ގޮތަކަށް އިއްޔެ ވަނީ ރަޝިޔާ އަށް ވަޑައިގެން ރައީސް ވްލަޑިމޭރު ޕޫޓިންއާ ބައްދަލުކުރައްވާފަ އެވެ.
ބައްޝާރުގެ މިދަތުރުފުޅާ ބެހޭ ތަފްސީލް ޕޫޓިން ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއި ސައޫދީ ރަސްގެފާނު ސަލްމާންބިން އަބްދުލްއަޒީޒާއި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ އާއި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާ ފޯނުން ގުޅުއްވައި އެބޭފުޅުންނަށް އަރުވާފަ އެވެ. އަނެއްކޮޅުން އެމެރިކާ ވަނީ ޕޫޓިން ރަސްމީ ސިފައެއްގައި ބައްޝާރާ ކްރެމްލިންގައި ބައްދަލުކުރައްވާފައިވާތީ އެކަން ކުށްވެރިކޮށްފަ އެވެ. ވައިޓް ހައުސްގެ ތަރްޖަމާން އެރިކް ޝޮލްޓަޒް ވިދާޅުވީ ބައްޝާރަކީ އޭނާގެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ބޭފުޅެއްކަމަށާ އެހެންކަމުން ބައްޝާރަކީ އެއްވެސް ގައުމަކުން އިހްތިރާމްދޭން ނުޖެހޭ ބޭފުޅެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. (އާރުޓީ)