22 Oct 2015, 09:24
ޓެރަރިޒަމާއި ބައިނަލް އަގުވާމީ ކުށްތައް ތަހުގީގު ކުރުމާ ބެހޭ އެއްބަސްވުމެއްގައި ރާއްޖެއާ އެކު ސޮއިކުރުމަށް އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރަން ފާސްކުރީ އިންޑިއާ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓް ބައްދަލުވުމެއްގައި ކަމަށް ލައިވް މިންޓް ނޫހުން ބުންޏެވެ.
ރާއްޖެއާ އެކު އެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަގުސަދަކީ އެއްގައުމުން އަނެއްގައުމަށް އެއްބާރުލުމާއި ގާނޫނީ އެހީތެރިކަން ދީގެން، ދެގައުމުން ވެސް ކުށްތައް ތަހުގީގު ކުރުމަށް ކުރާ މަސައްކަތް މިހާރަށް ވުރެ ފެންވަރު ރަނގަޅު ކުރުން ކަމަށް ނޫހުން ބުންޏެވެ. އަދި އެ އެއްބަސްވުމުގެ އަނެއް ބޭނުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މިސްރު ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް އިންޑިއާގެ ކެބިނެޓުން އިއްޔެ ފާސްކުރި އެވެ. އެއްބަސްވުމުގައި ސޮއިކުރައްވާނީ އިންޑިއާ އެފްރިކާ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިސްރުގެ ރައީސް ޢަބުދުލް ފައްތާޙު އަލް ސީސީ އަންނަ ހަފުތާގައި އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގަ އެވެ.
ނަމަވެސް ރާއްޖެއާ އެކު ގާއިމްކުރާ އެއްބަސްވުމުގައި ސޮއިކުރާނީ ކޮން އިރަކު ކަމެއް ނޫހަކުން ނުބުނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖް މިމަހު ވަނީ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އަދި އިންޑިއާއާއި ރާއްޖެއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް އެދަތުރުފުޅުގައި ވަނީ ބާއްވާފަ އެވެ.