ވޮޝިންގޓަން : ޢިރާޤުގައި އެމެރިކާ ހެދި ގޯސްތައް ލީބިޔާގައި ނުހަދާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެވެ.

ލީބިޔާގެ ކާނަލް ގައްޒާފީގެ ނިޒާމާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ގުޅިގެން ފެށި ވައިގެ އޮޕަރޭޝަނަށްފަހު ދެއްވި ފުރަތަމަ ޚިތާބުގައި އޮބާމާ ވިދާޅުވީ ޢިރާޤުގައި އެމެރިކާ ހެދި އެންމެ ބޮޑު ގޯހަކީ ބާރުގެ ބޭނުންކޮށްގެން ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިން ގެ ވެރިކަން ވައްޓާލުން ކަމަށާއި ލީބިޔާގައި މިގޯސް ހަދަން އެމެރިކާ ބޭނުންނުވާކަމުގައެވެ.

އޮބާމާ ވިދާޅުވީ ގައްޒާފީގެ ވެރިކަން ވައްޓާލުމާއި ނުލުމަކީ ލީބިޔާ ރައްޔިތުންގެ ކަމެއް ކަމަށާއި ގައްޒާފީގެ ވެރިކަމާދެކޮޅަށް އެމެރިކާއާއި ޔޫރަޕުން ހިންގާ ޢަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ ގައްޒާފީގެ އަނިޔާވެރި ޢަމަލުތަކުން ލީބިޔާގެ ޢާންމުން ސަލާމަތްކޮށް ދެވޭތޯ ބެލުން ކަމުގައެވެ.

ލީބިޔާއާބެހޭގޮތުން އދ.ން ފާސްކުރި ޤަރާރުވެސް ގޮވާލަނީ ލީބިޔާގެ ޢާންމުން ޙިމާޔަތްކުރުމަށް ކަމަށާއި ގައްޒާފީގެ ވެރިކަން ވައްޓާލުމަކީ މިޤަރާރު ހުއްދަކުރާ ކަމެއްނޫންކަމުގައެވެ. އަދި ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކޮށްފިނަމަ ގައްޒާފީއާ ދެކޮޅަށް މިހާރު އެއްބައިވެފައިވާ ހުޅަނގުގެ ކޯލިޝަން ރޫޅޭނެ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.

އޮބާމާ ވިދާޅުވީ ލީބިޔާގެ ރައްޔިތުން އެދޭފަދަ ދިމުޤްރާތީ ވެރިކަމެއް ލީބިޔާގައި ޤާއިމްކުރުމަކީ މިހާރު ކަންތައްތައް ހުރިގޮތުން ވަރަށް ދަތި އަދި އުނދަގޫ ކަމެއް ކަމުގައެވެ. 40 އަހަރުވަންދެން ޚުދުމުޚްތާރު އުސޫލަކަށް ގައްޒާފީ ވެރިކަންކުރައްވާފައިވާތީ ގައްޒާފީގެ ވެރިކަން ވެއްޓިގެން ދިޔުމަށްފަހުވެސް ދިމުޤްރާތީ ވެރިކަމެއް ލީބިޔާގައި ޤާއިމްކުރުމަށް ދުވަސްތަކެއް ހޭދަވެ ދަތި އުނދަގޫ މަރްޙަލާތަކެއް ކަޑައްތުކުރަންޖެހޭނެ ކަމަށް އޮބާމާ ވިދާޅުވިއެވެ.

ގައްޒާީގެ ބާރުތަކާ ދެކޮޅަށް ހުޅަނގުގެ ގުޅިފައިވާ ލަޝްކަރުތަކުން ވައިގެ އޮޕަރޭޝަންތައް ނުހިންގިނަމަ ގައްޒާފީގެ ބާރުތައް ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޤަތްލު ޢާންމުތަކެއް ހިންގާނެކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.

ގައްޒާފީގެ ބާރުތަކުން ލީބިޔާގެ ރައްޔިތުން ޙިމާޔަތްކުރުމަށް ހުޅަނގުުން ހިންގާ ވައިގެ އޮޕަރޭޝަނަކީ ލީބިޔާ ރައްޔިތުން ޙިމާޔަތްކުރުމަށްވުރެ ބޮޑަށް އެޤައުމުތަކުގެ އަމިއްލަ މަސްލަޙަތާ ގުޅިފައިވާ ކަމެއް ކަމަށް މުޙައްލިލުން ދެކެެއެވެ.

ޢިރާޤާއި އަފްޣާނިސްތާނާ އަދި ޕާކިސްތާނުގެ ޢާންމުންނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ބާރުތައް އަނިޔާވެރި ޢަމަލުތައް ހިންގާތީއާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ޖަރީމާތަކުގައި ނުސީދާގޮތެއްގައި އެމެރިކާއާއި ހުޅަނގު ބައިވެރިވާތީ، އަމިއްލަ އެދުމެއްނެތްނަމަ ލީބިޔާ ރައްޔިތުންގެ ޙިމާޔަތް ކުރުމުގެ ނަމުގައި ހުޅަނގުން ޢަސްކަރީ އޮޕަރޭޝަނެއް ނުހިންގާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. -- އަލްޖަޒީރާ