ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހުމަދު އަދީބު ދިރިއުޅުއްވާ ގ. ހުމަށި ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުން ގެންގޮސްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެ ގެއަށް ވަދެ އެގޭގެ ސީސީޓީވީ ފުޓޭޖު ގެންގޮސްފައި ވަނީ މިރޭ މެންދަމު އެވެ.

ގ. ހުމަށި ގެއަކީ ނައިބު ރައީސާ އެކު އޭނާގެ އަނބިކަނބަލަކު ދިރިއުޅުއްވާ ގެއެކެވެ.

އަމީނީމަގު ބިލަބޮން ހައި އިންޓަނޭޝަން ސްކޫލް ކައިރީގައި ހުންނަ ގ. ހުމަށިގެ ކައިރިއަށް "ސަން"ގެ ނޫސްވެރިން މިރޭ 1:15ގައި ދިޔައިރު، އާދައިގެ ހެދުމުގައި ތިބި ފުލުހުންގެ ދެ މީހަކު އެ ގޭ ކައިރީގައި ތިއްބެވެ. އެ ދެ ފުލުހުން ވަނީ އެ އިމާރާތާ ގުޅުން ހުރި މީހަކު އެތަނުން ހިފަހައްޓައި ސުވާލުކޮށްފަ އެވެ. ފުލުހުން ހިފަހައްޓައި ސުވާލު ކުރި މީހާ އެތަނުގައި އެވަގުތު ތިބި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އެ ހުމަށި ގޭގެ ދޮރު ހުޅުވައި ދިނުމަށް ފުލުހުން އެދުނު ކަމަށާއި އެ ގޮތަށް އެދުނީ ކޯޓު އަމުރު ވެސް ނުދައްކައި ކަމަށެވެ. ގަމީހުގެ ގިރުވާނުގައި ހިފައި "މިތާ މަޑުކުރަން" އެ ދެ ފުލުހުން އެންގި ކަމަށް އެ މީހާ ނޫސްވެރިންނަށް ކިޔައިދިނެވެ.

ނޫސްވެރިން އެ ސަރަހައްދަށް ދިއުމުން، އެ ގޭގެ ކައިރީގައި މަޑުކޮށްގެން ތިބި ފުލުހުން މާ ގިނައިރުތަކެއް ނުވެ އެތަނުން ދިޔަ އެވެ. އަދި އެ ދެ ފުލުހުން ގޮސް މަޑުކޮށްގެން ތިބީ ޔޫއެން ބިލްޑިންގް ކުރިމަތީގަ އެވެ.

އެ މީހުން އަނބުރާލާފައި އައިސް ގ. ހުމަށިގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލަކަށް އަރައިގެން ދިޔަތަން އެތަނުގައި ތިބި ނޫސްވެރިންނަށް ފެނުނެވެ. އެ މީހުން ދިޔަތަނާ، ޔުނިފޯމުގައި ތިބި ދެ ފުލުހަކު އައިސް، ގ. ހުމަށި ގޭގެ ކައިރީގައި ފޯރިމަރަން އެބަ ތިއްބެވެ. އަދި އެތަނުގައި ނޫސްވެރިން ވެސް އެބަތިއްބެވެ.