22 Oct 2015, 09:28
ކަނޑު ދަތުރުފަތުރުތައް ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި މޫސުމާ ބެހޭ އިދާރާ އިން މޫސުމަށް ސަމާލުކަންދެއްވުމަށް އަންގާފައިވުމާ އެކު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރަށް ރޭވުމާއި ރޭގަނޑު ދަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.
މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރުނުކުރުމަށާއި ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.
ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރަމުންދާއިރު އެއްވެސް ކަމެއްދިމާވެއްޖެ ނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.