21 Oct 2015, 22:51
ރާއްޖެ ޓީވީގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ގަސްވާ މުހައްމަދު މީއާދުގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފި އެވެ.
ބީކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ ފަތިހު 4:42 އެހާކަންހާއިރު ހުޅުޖެހުމުގެ ސަބަބުން އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ރާއްޖެ ޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
އެމައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މީއާދުގެ އަތުގެ ބައެއް އަނދާފައިވާކަން ފުލުހުންގެ ތަހުގީގުން ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން އަނދާފައިވާ ކަމުގެ ނިޝާންތައް އޭނާގެ ކަނާތުން ފެންނަން ހުއްޓެވެ. އެމައްސަލާގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 11:30 ހަށެވެ.
އެ މައްސަލާގައި އެންމެ މީހެއްގެ މައްޗަށް ދައުވާ އުފުލިނަމަވެސް، ޖުމްލަ ނުވަ މީހެއްގެ މައްޗަށް އެ މައްސަލާގައި ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.