21 Oct 2015, 15:05
ރެހެންދި ފްލެޓް އިމާރާތުގެ ސީސީޓީވީ ފުޓޭޖްތަކެއް ފުލުހުން ގެންގޮސްފައިވާ ކަމަށް 'ސަން' އަށް އެނގިއްޖެ އެވެ.
އަމީނީމަގުގައި ހުންނަ ރެހެންދި ފްލެޓްގެ ސީސީޓީވީ ފުޓޭޖް މިހަފްތާތެރޭ ފުލުހުން ގެންގޮސްފައި ވަނީ ރިޔާސީ ލޯންޗް 'ފިނިފެންމާ'ގައި ބޮމެއް ގޮއްވާލުމުގެ ހާދިސާގެ ތަހުގީގަށް ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.
ރެހެންދި ފްލެޓަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުއްވުން އުޅުއްވާ އިމާރާތެކެވެ. އަދި އިމާރާތުގެ އެ ޕާޓްމެންޓްގައި ނައިބު ރައީސް އަހުމަދު އަދީބު ބައްދަލުވުންތައް ބާއްވާ ކަމަށް ވެސް 'ސަން' އަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންނާ އެކު ވަރަށް ގިނައިން އެ އެ ޕާޓްމެންޓްގައި ނައިބު ރައީސް ބައްދަލުކުރައްވަ އެވެ.
ރިޔާސީ ލޯންޗުގައި ބޮމެއް ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ މައްޗަށް ބައެެއް ފަރާތްތަކުން ކުރާ ތުހުމަތު އެމަނިކުފާނު ވަނީ ދޮގުކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ ނައިބު ރައީސް އަށް '500 ޕަސެންޓް އިތުބާރު' ކުރައްވާ ކަަމަށް ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ރޭގެ ވަގުތެއްގައި ވިދާޅުވީ އިކޮނަމިކް ކައުންސިލްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ދައުރު ފުޅާކުރައްވަން ނިންމާފައިވާ ކަމަށެވެ.
'ސަން'އާ ވާހަކަ ދަވަމުން ނައިބު ރައީސް އަހުމަދު އަދީބު ރޭގައި ވިދާޅުވީ ސަރުކާރުގެ އެއްވެސް މަގާމަކުން ދުރުކުރައްވާފައިވާ ކަމަށް އަންގަވާފައިނުވާ ކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗަށް ދިން ހަމަލާ އަކީ ސީދާ ރައީސް އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އިންކުއަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.