21 Oct 2015, 17:03
ގަލްފްކްރާފްޓް މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ފޮރިން އިންވެސްޓްމެންޓް ކުންފުންޏެއް ކަމަށާއި އެ ކުންފުނީގައި ރާއްޖޭގެ އެއްވެސް މީހެއްގެ ހިއްސާއެއް ނުވަތަ ޕާޓްނަރެއް ނުހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މ. ޝުރާމަންޒިލް ހާމިދު އިސްމާއިލު ނަމުގެ ކުރިއަށް ގަލްފް ކްރާފް ބޭނުން ކޮށްގެން މީޑިއާތަކުގައި ވާހަކަތައް ދެއްކެވުމާ ގުޅިގެން ގަލްފް ކްރާފްޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީގައި ރަޖިސްޓާކޮށްގެން ރާއްޖޭގެ ގަލްފް ކްރާފްޓް ސާވިސް ސެންޓަރު ހިންގަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަ މައި އިދާރާ އިން ކަމަށެވެ.
ގަލްފް ކްރާފްޓްގެ ރާއްޖޭގެ ބްރާންޗް ހިންގުމުގެ އިތުރުން ފައިނޭންސް ކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރަނީ ޔޫއޭއީގައި ހުންނަ މައި އިދާރާ އިން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކުންފުންޏާ ނުގުޅޭ ފަރާތްތަކާ އެ ކުންފުނީގެ ގުޅުވައިގެން ބޭނުން ކުރާ ކަމަކީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ކުންފުނިން ކުރިން ވެސް ދެމުން ދިޔަ ހިދުމަތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް އޮތް ތަނުގައި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ގަލްފް ކްރާފްޓްގެ ބްރާންޗެއް ރާއްޖޭގައި ހުޅުވާފައި ވަނީ 2000 ވަނަ އަހަރު އެވެ.