21 Oct 2015, 13:12
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ކަމަށް ބުނެ ރަޝިޔާ އިން ސޫރިޔާގައި ދެމުން ގެންދާ ބޮމުގެ ހަމަލާތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަސަދު މޮސްކޯއަށް ހިނގައްޖެ އެވެ.
ރަޝިޔާގެ ރިޔާސީ ކިއްލާ ކްރެމްލިންގެ ތަރުޖަމާނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ބުނީ އަސަދު މޮސްކޯ އަށް ދިޔައީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އަސަދާއި ޕުޓިން ބައްދަލުކޮށް މަޝްވަރާ ކުރީ ބޮމުގެ ހަމަލާތައް ކުރިއަށް ގެންދާނެ ގޮތަކާއި ސޫރިޔާގައި ސިޔާސީ ބަދަލުތައް ގެންނާނެ ގޮތަކާ ބެހޭ ގޮތުން ކަމަށް ވެސް ތަރުޖަމާނާ ހަވާލާދީ ނޫހުން ބުންޏެވެ.
"... އެ ދެމީހުން މަޝްވަރާ ކުރީ ޓެރަރިސްޓް އެކްސްޓީމިސްޓް ގްރޫޕްތަކާ ހަނގުރާމަ ކުރުމުގެ ކަންތައްތަކާ ބެހޭ ގޮތުންނާ ސޫރިޔާ ސަރުކާރުން ކުރިއަށް ގެންދާ ހަމަލާތަކަށް އެހީތެރިވުމަށް ރަޝިޔާ އިން ހިންގާ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން،" ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޯފް ބުނި ކަމަށް ނޫހުގައިވެ އެވެ.
އޭނާ ބުނީ ސޫރިޔާގެ ހާލަތާ ބެހޭ ގޮތުން އަސަދު ޕުޓިން އަށް މައުލޫމާތު ދިން ކަމަށެވެ.
ބައްދަލުވުމުގައި ރަޝިޔާގެ ރައީސް ވަނީ އަސަދުގެ ސަރުކާރުން ކުރަމުން ގެންދާ ހަނގުރާމައަށް އެހީތެރިވުމަށް ރަޝިޔާ އިން ތައްޔާރަށް އޮތް ކަމާއި އެގައުމަށް ސިޔާސީ ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އަސަދަށް ދީފަ އެވެ.
ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކަމަށް ބުނެ ރަޝިޔާ އިން ސޫރިޔާ އަށް ބޮން އެޅުމުގެ ސަބަބުން އެތައް ހާސް އާއްމުންނެއް މަރުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން އާދީއްތަ ދުވަހު ބުންޏެވެ.