ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިޔުމުން، ޓީޗަރު އެއީ ބޮމެއް ކަމަށް ބަލައި ފުރަގަހަށް ބިޑިއަޅުވައިގެން ހައްޔަރު ކުރި 14 އަހަރުގެ އަހުމަދު މުހައްމަދު އެމެރިކާ ދޫކޮށް ގަތަރު ސްކޫލަކަށް ކިޔެވުން ބަދަލުކުރަން ނިންމައިފި އެވެ.

ސާދަ އަހަރުގެ އަހުމަދު މުހައްމަދު ހެދި ގަޑިއަކީ ބޮމެއް ކަމަށް ފުލުހުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އަހުމަދު ގަތަރު ސުކޫލަށް ކިޔެވުން ބަދަލުކުރަން ނިންމާފައި މިވަނީ އެމެރިކާގެ ރައީސް ބަރަކްއޮބާމާއާ އެކު ބޭއްވި ބައްދަލުވުމުގައި ސައިންސްގެ ދާއިރާ އިން ކުރިއަށް ދިއުމަށް އަހުމަދަށް ލަފާދެއްވާފައި ވަނިކޮށެވެ. އަހުމަދުގެ އާއިލާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގަތަރު ސްކޫލަށް އަހުމަދު ބަދަލުވަނީ ސައިންސްގެ ދާއިރާ އިން ކިޔެވުމަށް އަހުމަށް ގަތަރު ސަރުކާރުން ދިން ސްކޮލަޝިޕެއްގައި ކަމަށެވެ.

ސްކޮލަޝިޕް ގަބޫލުކޮށް ދަތުރަށް ބަދަލުވާން ނިންމީ އަހުމަދު ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

"އަހަރެންނަށް ވަރަށް ކަމުދޭ ގަތަރުގެ ދޯހާ. އެއީ ތަރައްގީވެފައިވާ ސިޓީ އެއް. އެތަނުގެ ސްކޫލުތައް ވެސް ވަރަށް ރަނގަޅު އެތަނުގެ ގިނަ ކެމްޕަސްތައް އެމެރިކާގައި ވެސް މަޝްހޫރު. އަދި ކިޔަވައިދޭ ޓީޗަރުން ވެސް އެހާ ރަނގަޅު. ގިނަ އެއްޗިހިތަކެއް ދަސްވާނެކަމަށް ގަބޫލުކުރަނީ. އަދި މަޖާވެސް ވާނެ ކަމަށް،" އަހުމަދު ބުންޏެވެ.

މިދިއަ މަހު އަހުމަދު ހައްޔަރުކުރި ހަބަރަކީ މުޅި ބައިނަލް އަގްވާމީ މަޝްރަހު ވެސް އެކަމަކަށް ސަމާލުކަން ދިން ހަބަރެކެވެ. ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވެސް ވަނީ އަހުމަށް ފޭސްބުކަށް ދިއުމަށް ދައުވަތު ދީފަ އެވެ.