30 Mar 2011, 14:15
ރާއްޖޭގައި ދައުރުވާ ކޮންމެ ޑޮލަރެއް ފަހައި ދުވާނެ ފުލުހަކު މަގުމައްޗަށް ނެރުން އެއީ ހައްލެއް ހެއްޔެވެ؟
"ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހާ ހައްޔަރު ކޮށްގެން މިކަމެއް ހައްލެއް ނުވާނެ. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ މި ކަމަކީ [ޑޮލަރުގެ ދަތިކަމަކީ] ހަމަ އެކަނި ކަޅު ބާޒާރުގެ ސަބަބުން އުފެދިގެން އުޅޭ ކަމެއް ނޫންކަން. އެހެނިހެން ފިޔަވަޅުތައް ވެސް މިކަމުގައި އަޅަން އެބަޖެހޭ. ކަޅު ބާޒާރު ހުއްޓުވިއަސް ޑޮލަރު ލިބުމަށް ބަދަލެއް ނާންނާނެ،" އިގްތިސޯދީ ތަޖުރިބާކާރު، އަދި އެދާއިރާ ދިރާސާކޮށް ލިޔުއްވާ ލިޔުންތެރިޔާ، މުހައްމަދު ނަސީމް (ނަފާ) ވިދާޅުވި އެވެ.
ނަފާ ނަސީމް ވިދާޅުވާ ގޮތުން ޑޮލަރުގެ ކަޅު ބާޒާރެއް ނައްތާލުމަކީ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ފުލުހުން މަގުމައްޗަށް ނެރުމުގެ ކުރިން ސަރުކާރާއި ސެންޓްރަލް ބޭންކް، އެމްއެމްއޭ، އަދި ވިޔަފާރިވެރިން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އެބަހުއްޓެވެ. އެނޫން ގޮތަކަށް އެކަން ދާނަމަ މިހާރަށްވުރެ ބޮޑަށް ޑޮލަރުގެ އަގު އުފުލޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
"ކުރިން ނެތް އެއްޗެއް ތަންފީޒް ކުރަން ފެށީމަ އޭތި އެއަށްވުރެ ބޮޑަށް ފޮރުވާނީ. އެހެން ހެދީމަ ފުރަތަމަ ކޮޅުގައި އެއަށްވުރެ ވެސް ބޮޑަށް އަގު ބޮޑުވާނެ ކަމަށް ލާފާކުރެވެނީ. މިހާރު މި ބްލެކްމާކެޓްގައި އުޅޭ މީހުންގެ ރިއެކްޝަން ހުންނާނީ ޑޮލަރު ފޮރުވަން. އޭރުން ކުރިއަށް ވުރެ ބޮޑުތަން މައްޗަށް ދާނެ،" ނަސީމް ވިދާޅުވި އެވެ.
ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ފެންމަތިވެފައިވާ ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދަން ކޮންމެ ޑޮލަރެއް ފަހަތުން ފުލުހުން ދުއްވައި ބޭރު ފައިސާ ރާއްޖޭގައި ބަހައްޓަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. ނުއަގުގައި ޑޮލަރު ވިއްކާ ކަމަށް ޝައްކު ކުރެވޭ ތަންތަނާއި މީހުން، ފުލުހުން އަންނަނީ ބަލައި ފާސްކުރަމުން ނެވެ. އެ އޮޕަރޭޝަންގައި ފުލުހުން ވަނީ ނުއަގުގައި ޑޮލަރު ވިއްކަމުން ދިޔަ މީހަކު ވެސް "ރެޑް ހޭންޑް" ކޮށް އަތުލައިގެންފަ އެވެ.
ނަފާ ނަސީމް ވިދާޅުވީ ޑޮލަރު ވިޔަފާރިއަށް ފާރަލުމަށް ފުލުހުން ނެރުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ނުކޮށް، މިހާރު ފުލުހުން ނުކުމެނ ފަށައިގެން އުޅޭ އޮޕަރޭޝަނުން އޮއްޓަރެއް ފައިދާ ވާނީ "އޮންގޮއިން އޮޕަރޭޝަނަކަށް" ވެގެން ކަމަށެވެ. އެކަން ދިގު މުއްދަތަކަށް ކުރިއަށް ނުގެންގޮސްފިނަމަ ރާއްޖޭގެ އިގްތިސޯދަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އޭނާ އިޝާރާތް ކުރެއްވެވި އެވެ.
"ދައުލަތުގެ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނަށް އެކަން (އޮޕަރޭޝަން) ހަ މަސް ނޫނީ އެއް އަހަރު ދުވަހަށް ކުރިއަށް ނުގެންދެވިއްޖެ ކަމަށް ވާނަމަ އޭގެ ނުބައި އަސަރު ކުރާނެ. އެއްދުވަހު ކުރާ ކަމެއްގެ ގޮތަށް ކޮށްފަ. ވާހަކައެއް ދައްކާލާފައި ހުއްޓާލައިފިއްޔާ އޭގެ އަސަރު (އިގްތިސޯދަށް ކުރާނީ) ނުބައިން ނުބަޔަށް،" ފުލުހުންގެ އޮޕަރޭޝަނާ މެދު އިގްތިސޯދީ ނަޒަރަކުން އަލިއަޅުވައިލައްވަމުން ނަސީމް ވިދާޅުވި އެވެ. "މިކަން އެކަންޏެއް ނޫނޭ ކުރަން މިޖެހެނީ. މީގަ އެތައް ކަމެއް ކުރަން އެބަޖެހޭ،"
ނަސީމް ވިދާޅުވީ ޑޮލަރުގެ ތާށިކަން، ފިލުވައިލަން ސަރުކާރާއި އެމްއެމްއޭ ގުޅިގެން މަނިޓަރީ ޕޮލިސީއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ވިޔަފާރި ވެރިން ވިޔަފާރި ކުރާ އުސޫލުތައް ވެސް ބަދަލުކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ވިޔަފާރި ކުރުމުގައި ގެންގުޅޭ އާދަ ބަދަލުކުރަންވީ. އަޅުގަނޑުމެން މި ހަދާ ގޮތަކީ ރިސޯޓަކުން ނޫނީ ކޮންމެވެސް މީހެއްގެ އަތުން ޑޮލަރު ހޯދައިގެން ދަބަހައް އަޅައިގެން ގޮސް ވިޔަފާރި ކޮށްގެން މި އަންނަނީ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްދަ ކަމެއް ނޫން. އޭރުން ބޭންކިން ސިސްޓަމްގެ ތެރެއިން ފައިސާ ދައުރެއް ނުވޭ،" ނަސީމް ވިދާޅުވި އެވެ. "ސަރުކާރުން އެބަ ޖެހޭ އެމްއެމްއޭ އާއި ފޮރިން އިންވެސްޓަރުންނާ އެކުވެސް ގޮތްތަކެއް ރާވަން އެމީހުން ވެސް މާޔޫސް ނުވާގޮތަށް ޑޮލަރު ރާއްޖޭގައި ހިފަހައްޓަން. މިނޫން ގޮތްގޮތަށް، ނޫނީ ހަމަ އެކަނި ފުލުހުން ނެރެގެން ޑޮލަރުގެ ކަންތައް ހައްލެއް ނުވާނެ،"
ޑޮލަރުގެ ކަޅުބާޒާރު ނައްތާލަން ފުލުހުން ނުކުތްއިރު ސަރުކާރުން ބުނަނީ ޑޮލަރުގެ ތާށިކަން ހައްލުރުރުމަށް ރައީސް ފެއްޓެވި މަސައްކަތުގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅަކީ މިއީ ކަމަށެވެ.
"އެގިވަޑައިގަންނަވާނެ ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުއްލި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައި. އެގޮތުން މިއީ ފުރަތަމަ ފިޔަވަޅު. މީގެ އިތުރުން ވިޔަފާރިތަކަށް ލޯނު ދިނުމާއި ގެރެންޓީ ދިނުންފަދަ ކަންކަމާ އަދިވެސް އިތުރު ފިޔަވަޅުތައް ފެނިގެން ދާނެ،" ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޑޮލަރުގެ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދި ޑޮލަރުގެ އަގުވަނީ 13ރ. އާއި 14ރ. އަދި 15ރ. އަށް މައްޗަށް އުފުލިފަ އެވެ.
އިގްތިސޯދީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި އަދި ބެންކިން ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު މިއަދު ވިދާޅުވީ ސަރުކާރުން ފުލުހުން ނެރެގެން ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމުގެ ފަހަތުގައި ސިޔާސީ މަގުސަދުތަކެއްވުން ގާތް ކަމަށެވެ.
"އެއީ ފުލުހުން އިނގިލި ދިއްކުރަނީ އެމްއެމްއޭއަށް. އެއެއް ނޫން ކަންނޭންގެ ވާންވާނެ ގޮތަކީ. އޯކޭ، ފުލުހުން ވެސް އެމީހުންގެ މަސައްކަތް ކުރަންޖެހޭނެ. އެކަމަކު ކޮންމެހެން ތުހުމަތުގެ އިނގިލި ދިއްކުރާކަށް ނުޖެހޭ. އިގްތިސޯދީ ނަޒަރަކުން ބުނަންޏާ އޮބި އަޅައިގެން ވެސް ބްލެކް މާކެޓް ހުއްޓުވަން ޖެހޭ ކަމަށް ދެކެން،" އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތުގެ އިނގިލި އެމްއެމްއޭއަށް ދިއްކުރާއިރު ސަރުކާރުން ވަނީ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބް އެ މަގާމުން ވަކި ކުރަން މަޖިލީހަށް މައްސަލައެއް ވައްދާފަ އެވެ.
ފުލުހުން ބުނަމުން އަންނަނީ ޑޮލަރުގެ ވިޔަފާރި ކުރުމުގެ ލައިސަންސް އޮންނަ ފަރާތްތަކުން ވެސް މަނިޓަރީ ގަވާއިދާއި ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ކަމަށެވެ.