21 Oct 2015, 13:15
އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު ޗައިނާގެ އޮޑިޓާ ޖެނެރަލް މރ. ލިއު ޖިއަޔިއާ އެކު އިއްޔެ ބެއިޖިންގައި ރަސްމީ ބައްދަލުވުމެއް ބާއްވައިފި އެވެ.
އޮޑިޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމުގައި ރާއްޖޭގެ އޮޑިޓް އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި އޮޑިޓް މަސައްކަތް މިހާރަށް ވުރެ އިތުރަށް ހަރުދަނާ ކުރުމަށް ޗައިނާގެ ނޭޝަނަލް އޮޑިޓް އޮފީސް ފަދަ ތަޖުރިބާ ހުރި އޮފީހެއްގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ޗައިނާގެ އޮޑިޓާ ޖެނެރަލް އަރިހު އެދުނު ކަމަށެވެ. އަދި ޗައިނާގެ އޮޑިޓާ ޖެނެރަލް ވަނީ ރައްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ހުރިހާ ފަންނީ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި އޮޑިޓް މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ޗައިނާގެ ނޭޝަނަލް އޮޑިޓް އޮފީހުން ދިނުމާ ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި 2016 ވަނަ އަހަރުގެ ކުރީކޮޅު ދެފަރާތުން ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.