21 Oct 2015, 12:50
ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމިފައިނަލަށް އެމްއެންޑީއެފްއާއި އެސްޓީއޯ އަދި އެމްޓީސީސީގެ އިތުރުން ސްޓެލްކޯ ދަތުރުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗްގައި އެމްއެންޑީއެފް ސެމީއަށް ދަތުރު ކުރީ ބީއެމްއެލްގެ މައްޗަށް ހަތަރު ސެޓް ދެ ސެޓުން ކުރި ހޯދައިގެންނެވެ.
އިއްޔެ ހަވީރު ކުޅުނު ދެ ވަނަ ކުއާޓާފައިނަލް މެޗު އެމްޓީސީސީ ކާމިޔާބު ކުރީ މޯލްޑިވިއަން ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ މައްޗަށް ހަތަރު ސެޓް ތިން ސެޓުން ކުރިހޯދައިގެންނެވެ.
ރޭ ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލް މެޗުން މޮޅުވެ އެސްޓީއޯ ސެމީއަށް ދަތުރުކުރީ ހެލްތު މިނިސްޓްރީގެ މައްޗަށް ސީދާ ހަތަރު ސެޓުން ކުރިހޯދައިގެންނެވެ.
ރޭ ދެ ވަނަ ކުއާޓާ ފައިނަލް މެޗުގައި ސްޓެލްކޯ ސެމީފައިނަލަށް ދަތުރުކުރީ ހަތަރު ސެޓު އެއް ސެޓުން ދިރާގު ބަލިކުރުމަށްފަހުއެވެ.
ފިރިހެން ޑިވިޝަންގެ ސެމީފައިނަލް މެޗްތައް މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާއިރު ސެމީ ފައިނަލް ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ އެމްއެންޑީއެފްއާއި އެސްޓީއޯއެވެ.
ދެވަނަ ސެމީފައިނަލް މެޗްގައި ބައްދަލު ކުރާނީ ސްޓެލްކޯއާއި އެމްޓީސީސީއެވެ.
މުބަރާތުގެ އަންހެން ޑިވިޝަންގެ ސެމީފައިނަލް މެޗުތައް މިރޭ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.