21 Oct 2015, 12:32
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލް ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި އެވެ.
ގައުމީ ސަލާމަތު ކޮމެޓީގެ މެމްބަރަކު ސަން އަށް މިއަދު ވިދާޅުވީ އިއްޔެ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އެ ބިލްފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އެބިލަކީ 1990 ވަނަ އަހަރުން ފެށިގެން މިހާރު އަމަލުކުރަމުން އަންނަ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޒަމާނަށް ފެތޭ ގޮތަށް އެކުލަވާލާފައިވާ ބިލެކެވެ.
ރައީސް އޮފީހުން ބުނީ އެ ބިލަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޒަމާނާ އެއްގޮތްވާ ގޮތުގެ މަތިން ޓެރަރިޒަމްގެ އަމަލުތައް މަނާކުރުމާއި ކުށްވެރިކުރުމާއި އަދި އެފަދަ އަމަލުތައް ހުއްޓުވުމުގެ ގޮތުން ޚާއްސަ އިޖުރާއަތްތަކެއް ކަނޑައަޅާފައިވާ ބިލެއް ކަމަށެވެ.
އާންމުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމުގެ ގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަމާއި ހައްގުތައް ހިފެހެއްޓުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ހިފަހައްޓައި އެފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އުސޫލުތައް އެ ބިލްގައި ވަނީ ހިމަނާފަ އެވެ.
އެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އެވެ.
މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު މ. މުލީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެފައި ވަނީ މި ސަރުކާރުން ޓެރަރިޒަމްގެ ބިލް ވެސް ފާސްކުރާނެ ކަމަށެވެ.