ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މާދަމާރޭ ބާއްވާ "ގައުމީ ފިލްމް އެވޯޑްސް"ގައި ފިލްމް ނޮމިނޭޓްވެފައިވީ ނަމަވެސް އެވޯޑެއް ލިބޭނެކަމަށް އުންމީދު ނުކުރައްވާ ކަމަށް މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ގައުމީ ފިލްމް އެވޯޑުގައި އެންމެ މޮޅު ފަސް ފިލްމުގެ ނޮމިނޭޝަން އިއުލާނު ކޮށްފައިވާ އިރު ނަހުލާގެ "ފިލްމް ޔޫސުފް" ވަނީ ހިމެނިފަ އެވެ. އަދި އެފިލްމުން އެންމެ މޮޅު ޑައިރެކްޓަރަކަށް ވެސް ނަހުލާ ވާދަކުރެ އެވެ.

ނަހުލާ ވިދާޅުވީ ފިލްމް ޔޫސުފަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔެއިން ވެސް ބަލައިގެންފައިވާ މޮޅު ފިލްމެއް ކަމަށެވެ. "އެހެންނަމަވެސް އެވޯޑެއް ލިބޭނެ ކަމަކަށް އުންމީދެއް ނުކުރަން" ކަމަށް ނަހުލާ ވިދާޅުވި އެވެ.

މިފަހަރުގެ ގައުމީ ފިލްމް އެވާޑަށް އިންސާފުކުރައްވާ ފަނޑިޔާރުންގެ ތެރޭގައި ނަހުލާއާއި ޒާތީ މަސްލަހަތު އޮއްނަ ފަރާތްތަކެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ޖަޖުންގެ ޕެނަލްއިއުލާނު ކުރި ހިސާބުން އެކަން ހުރިހާ ބެލުންތެރިންނަށް ވެސް އެނގިގެން ދާނެ ކަމަށް ނަހުލާ ވަނީ ވިދާޅުވެފަ އެވެ. އަދި ޖަޖުންގެ ތެރެއިން އެއް ބޭފުޅަކު ނަހުލާގެ ފިލްމުތައް ކަމު ނުދާކަމަށް ބުނެ ކޮމެންޓްކޮށް ނަހުލާގެ ފިލްމް ޒުލޭހާ އަކީ "ވަރަށް ފޫހި ފިލްމެއް" ކަމަށް ބުނި ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޒުލޭހާ ފިލްމް ފޫހިކަމުން ނުބެލުން ކަމަށް އެއްޖަޖަކު ބުނި އަދި ފިލްމް ނިއުމާ ގުޑިނުލާ އިނދެ ބެލުންކަމަށް ވެސް އޭނާ ބުނި، އެހެންވެ އެއީ ޖަޖުންގެ އިންސާފުވެރިކަމާ މެދު އިތުބާރު ކުޑަވާ ކަމެއް،" ނަހުލާ ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވުނު ފިލްމީ ދާއިރާގެ ގިނަ އެވޯޑުތަކެއްގައި ނަހުލާގެ ގިނަ ފިލްމުތަކަކުން އެކްޓިން އެވާޑުތަކެއް ވަނީ ލިބިފަ އެވެ. ނަހުލާ ވިދާޅުވީ ގިނަ އެކްޓިން އެވާޑުތަކެއް އޭނާގެ ފިލްމްތަކަށް ލިބިފައިވީ ނަމަވެސް އެންމެ މޮޅު ފިލްމް އަބަދުވެސް ލިބެނީ އެހެން ފަރާތަކަށް ކަމަށެވެ.

ކުރިން ޖަޖުންގެ ޕެނަލް އިއުލާނު ނުކުރާގޮތަށް ނިންމާފައިވީ ނަމަވެސް އެންސީއޭ އިން އިއްޔެ ވަނީ ޖަޖުންގެ ޕެނަލް އިއުލާނު ކުރައްވާފަ އެވެ. ޖަޖުންގެ ޕެނަލުގައި ހަ ދާއިރާއަކުން ހަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެތެރެގައި އަހުމަދު ނިޔާޒް (ޓެޑްރީ)، އަލީ މަނިކް، ފާތިމަތު ލީޒާ، އަހުމަދު ޒަރީރު، އަހުމަދު ހިޝާމް ސައީދުގެ އިތުރުން އަޝްރަފު އަބްދުއްރަހީމް ހިމެނި ވަޑައިގަންނަވަ އެވެ.

ނަހުލާ ވިދާޅުވީ ގައުމީ ފިލްމް އެވޯޑެއް ބާއްވަން އުޅޭކަމުގެ އިހުސާސްތައް ނުކުރެވޭ ކަމަށާއި މާދަމާރޭ އެވާޑް ހަފްލާ އޮތްއިރު އަދިވެސް ދައުވަތު ކާޑެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ރަސްމިއްޔާތަށް ތައްޔާރު ނުވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"އެވާޑެއް ނުލިބުނަސް ތައްޔާރުވާހާ ވަގުތު އޮއްވައި ދައުވަތު ލިބިއެއްޖެ ނަމަ ފިލްމް އެވާޑު ހަފްލާގައި ބައިވެރި ވާނަން." ކަމަށް ނަހުލާ ވިދާޅުވި އެވެ. އެއީ ފިލްމީ ދާއިރާގެ ކަމަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމީ ފިލްމު އެވޯޑުގައި ޖުމްލަ ހަތް ފީޗާ ފިލްމެއް ބައިވެރިކޮށްފައިވާ އިރު އޭގެތެރޭގައި ނަހުލާގެ ތިން ފިލްމެއް ހިމެނެ އެވެ. އެއީ ފިލްމް ވީރާނާ، ފިލްމް ޔޫސުފް އަދި ފިލްމް ހެޔޮނުވާނެ އެވެ.

އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރަކަށް ޝީލާ ނަޖީބު ފިލްމް ހެޔޮނުވާނެއިން ވާދަކުރާއިރު ހަމަ އެ އެވާޑަށް އައިމިނަތު ސަމިއްޔާ ފިލްމް ވީރާނާ އިން ވާދަކުރެ އެވެ. އަދި އެންމެ މޮޅު ފިރިހެން ސަޕޯޓިންގް އެކްޓަރަކަށް އަހުމަދު ނިމާލް ފިލްމް ޔޫސުފުން ވާދަކުރާ އިރު ހަމަ އެވޯޑަށް އެ ފިލްމުން އަހުމަދު ލައިސް އާސިފް ވާދަކުރެ އެވެ.

ފިލްމް ވީރާނާ އަދު ޔޫސުފުން އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ވާދަކުރާ އިރު ފިލްމް ޔޫސުފް އިން އެންމެ މޮޅު އަންހެން އެކްޓަރަކަށް ނިއުމާ ވާދަކުރެ އެެވެ.

ފީޗާ ފިލްމުގެ ބައިން 23 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރު ފިލްމުގެ ބައިން ދެނީ އެންމެ އެވޯޑެކެވެ. އެއީ އެންމެ މޮޅު ކުރުފިލްމުގެ އެވާޑެވެ. އެންމެ ފަހުން ގައުމީ ފިލްމް އެވޯޑެއް ބާއްވާފައި ވަނީ 2007 ވަނަ އަހަރު އެވެ.