21 Oct 2015, 12:12
ޖޭޖޭ އޭބްރަމްސްގެ "ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް" މި އަހަރު ދައްކަން ނިންމާފައިވާ އިރު އެ ފިލްމްގެ ޓިކެޓުތައް އޮންލައިންކޮށް މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ. އެއާ އެކު އެ ފިލްމު ވަނީ މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޓިކެޓު ވިކުނު ފިލްމުގެ ރެކޯޑު މުގުރާލައިފަ އެވެ.
މީގެ ކުރިން އެ ރެކޯޑު ގާއިމްކޮށްފައި ވަނީ ޑިސްޓޯޕިއަން ފްރެންޗައިޒް އެއް ކަމަށްވާ "ދަ ހަންގާ ގެމްސް"ގެ ފުރަތަމަ ބައި އެޅުވުމަށް 2012 ވަނަ އަހަރު ޓިކެޓް ދޫކުރަން ފެށުމާ އެކު އެވެ. އެ ފިލްމު ވަނީ ސިނަމާތަކުގައި އެޅުވި ފުރަތަމަ ދެ ދުވަސްތެރޭގައި 152.5 މިލިއަން ޑޮލަރު އެމެރިކާ އިން އެކަނި ވެސް ހޯދައިފަ އެވެ.
އެހެން ނަމަވެސް ޑިޒްނީގެ ސްޓާވޯސް އިން ވާދަ ކުރަން ބޭނުން ވަނީ އެ އަދަދަކާއެއް ނޫނެވެ. މިއަހަރު ދެއްކި "ޖުރެސިކް ވޯލްޑް" ވަނީ ހަފްތާ ބަންދުގައި 208.8 މިލިއަން ޑޮލަރު ހޯދައިފަ އެވެ. ސްޓާ ވޯޒް އިން ބަލި ކުރަން ބޭނުން ވަނީ އެ އަދަދެވެ.
ރޭގައި އޮންލައިންކޮށް ޓިކެޓް ދޫކުރަން ފެށުމާ އެކު ޓިކެޓު ދޫކުރާ ގިނަ އޮންލައިން ސްޓޯލްތަކަށް ބާރު ބޮޑުވުމާ ގުޅިގެން ސިސްޓަމްތައް ޑައުންވެފައި ގިނަ އިރެއް ވަންދެއް ހުއްޓެވެ.
އޮންލައިން ޓިކެޓު ވިއްކާ ކޯޕަރޭޝަންއެއް ކަމަށްވާ "ފެންޑެންގޯ" އިން ބުނެފައި ވަނީ ވެބްސައިޓް ޓްރެފިކް އިން ދައްކާގޮތުގައި މީގެ ކުރިން އެންމެ ގިނަ އަދަދަކަށް ލިބުނު އަދަދުގެ ހަތް ގުނަ މައްޗަށް ޓިކެޓް ސޭލްސް މައްޗަށް އަރާފައި ކަމަށެވެ.
ފިލްމުގެ ދެވަނަ ޓްރެއިލާ ވަނީ ހޯމަ ދުވަހު ރިލީޒްކޮށްފަ އެވެ. އެއާ އެކު ދެ ދުވަސް ވުމުގެ ކުރިން އެ ފިލްމުގެ ޓްރެއިލާ މިހާރު ވަނީ 24 މިލިއަނަށް ވުރެ ގިނަ ވިއުސް ޔޫޓިއުބްގައި ހޯދައިފަ އެވެ.
މަޝްހޫރު ފްރެންޗައިޒް ހަންގާ ގޭމްސްގެ އެންމެ ފަހު ބައި އަންނަ މަހުގައި ދެއްކުމަށް ހަމަޖެހިފައިވާ އިރު ސްޓާވޯޒްގެ ސަބަބުން ފިލްމުގެ މަގުބޫލުކަން ވަނީ ކުޑަވެފަ އެވެ. ސްޓާވޯޒް ދެއްކުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 18ގަ އެވެ.