21 Oct 2015, 11:01
ރާއްޖޭގެ ދެކުނުގެ ހިސާބްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މޫސުން ލަފާ ކުރެވޭގޮތުގައި ލ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާ ދެމެދުގައިވާ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ސަރަހައްދުތަކަށް މިހާރު ވަނީ "ޔެލޯ އެލާޓް" ނެރެފަ އެވެ.
"މިއަދު ބޮޑަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ހާއްސަކޮށް. އެއީ ލ. އަތޮޅުން ފެށިގެން އައްޑުއަތޮޅާއި ދެމެދު އިނގޭތޯ." އޮފިޝަލް ވިދާޅުވި އެވެ.
އެހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިޔަކު 40 މެއިލްއަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެކުނުގެ ސަރަހައްދުތަކާ އެކު މުޅި ރާއްޖެއަށް ވެސް ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.